އެލްޖީއޭގެ އެންމެ މަތީ ދަރަޖަ ށ. އަތޮޅު ކައުންސިލާއި ބޮޑުފޮޅުދޫ ކައުންސިލަށް

2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގެ ނަތީޖާ އިއުލާނުކުރުމުގެ ތެރެއިން ---

ދެހާސްއެކާވީސް ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސް އިން އެންމެ މަތީ ދަރަޖަ ށ. އަތޮޅު ކައުންސިލާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ހާސިލުކޮށްފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ވަނީ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގެ ނަތީޖާ އިއުލާނުކޮށްފައެވެ.

މިއަދު އިއުލާނުކުރި ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގެ އެވޯޑުތައް ހަތަރު ދަރަޖައަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

ގަދަހަމާންތި ދަރަޖަ: އިންޑެކްސްގެ ނަތީޖާއަށް ބަލައި އަތޮޅު ކައުންސިލްތަކުން އެއް ވަނަ ދެ ވަނަ ތިން ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ އިއްޒަތް

ރަނަހަމާންތި ދަރަޖަ: މިއީ އިންޑެކްސްގެ ނަތީޖާއަށް ބަލައި ރަށު ކައުންސިލްތަކުން އެއް ވަނަ ދެ ވަނަ ތިން ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ އިއްޒަތް

މާރާދަ ހަނދާނީ ފިލާ: މިއީ ވަކިވަކި ސަބް އިންޑެކްސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށު އަދި އަތޮޅު ކައުންސިލަށް އެރުވޭ ހަނދާނީ ފިލާ

ކާންނާ ހަނދާނީ ފިލާ: މިއީ ފާއިތުވެދިޔަ އަހަރުގެ އިންޑެކްސްއާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ރަށު އަދި އަތޮޅު ކައުންސިލަށް އެރުވޭ ހަނދާނީ ފިލާ

އެގޮތުން 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގެ ގަދަހަމާންތި ދަރަޖައިގެ ފުރަތަމަ ދަރަޖަ ހާސިލުކޮށްފައިވަނީ ށ. އަތޮޅު ކައުންސިލެވެ. އަދި ދެވަނަ ދަރަޖަ ފ. އަތޮޅު ކައުންސިލުން ހާސިލު ކޮށްފައިވާއިރު ތިން ވަނަ ދަރަޖަ ހާސިލު ކޮށްފައިވަނީ ލ. އަތޮޅު ކައުންސިލުންނެވެ.

ރަނަހަމާންތި ދަރަޖައިގެ ފުރަތަމަ ދަރަޖަ ހާސިލުކޮށްފައިވަނީ އއ. ބޮޑުފޮޅުދޫ ކައުންސިލުންނެވެ. އަދި ބ. ފެހެންދޫ ކައުންސިލުން ދެވަނަ ދަރަޖަ ހާސިލުކޮށްފައިވާއިރު ތިން ވަަނަ ދަރަޖަ ހާސިލުކޮށްފައިވަނީ ހއ. ތުރާކުނު ކައުންސިލުންނެވެ.

ދެން ހުރި އެވޯޑުތަކަކީ ވަކިވަކި ސަބް އިންޑެކްސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށު އަދި އަތޮޅު ކައުންސިލަށް ދެވޭ އެވޯޑަކަށްވާއިރު އެ އިންޑެކްސް އެކުލެވިފައިވަނީ ފަސް ސަބް އިންޑިސެސްއެއްގެ އެވްރެޖްގެ މައްޗަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު
  • އިފެކްޓިވްނަސް
  • ޕާޓިސިޕޭޝަން
  • އެކައުންޓަބިލިޓީ
  • ސެކިއުރިޓީ

އޭގެ ތެރެއިން ފުރަތަމަ ސަބް އިންޑެކްސްއިން އެއްވަނަ އަށް ގޮސްފައިވަނީ ހއ. އަތޮޅު ކައުންސިލުކަމަށް ވާއިރު އެއްވަނަ ރަށު ކައުންސިލަކަށް ގޮސްފައިވަނީ ޅ. ކުރެންދޫ ކައުންސިލެވެ. ދެވަނަ ބައިން އެއްވަނަ އަށް ގޮސްފައިވަނީ ށ. އަތޮޅު ކައުންސިލެވެ. އަދި އެއްވަނަ ރަށު ކައުންސިލަކަށް ގޮސްފައިވަނީ ފެހެންދޫ ކައުންސިލެވެ.

ތިން ވަނަ ބައިން އެއް ވަނަ އަތޮޅު ކައުންސިލަކަށް ގޮސްފައިވަނީ ފ. އަތޮޅު ކައުންސިލް ކަމަށްވާއިރު އެއްވަނަ ރަށު ކައުންސިލަކަށް ގޮސްފައިވަނީ ބޮޑުފޮޅުދޫ ކައުންސިލެވެ. ސަބްއިންޑެކްސްގެ ހަތަރުވަނަ ބައިން އެއްވަނަ އަތޮޅު ކައުންސިލަކީ ށ. އަތޮޅު ކައުންސިލް ކަމަށްވާއިރު އެއްވަނަ ރަށު ކައުންސިލަކީ ތ. ބުރުނީ ކައުންސިލެވެ.

ފަސް ވަނަ ބައިން އެއްވަނަ ހޯދައިފައިވާ އަތޮޅު ކައުންސިލަކީ ނ. އަތޮޅު ކައުންސިލު ކަމަށްވާއިރު އެއް ވަނަ ރަށު ކައުންސިލަކަށް ހޮވިފައިވަނީ ރ. ހުޅުދުއްފާރު ކައުންސިލެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ އިންޑެކްސްއާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދައިގެން ކާންނާ ހަނދާނީ ފިލާ ހޯދާފައިވާ އަތޮޅު ކައުންސިލަކީ ށ، އަތޮޅު ކައުންސިލެވެ. އަދި އެއްވަނަ ރަށު ކައުންސިލަކީ ބ. ކަމަދޫ ކައުންސިލެވެ.

އެލްޖީއޭއިން ބުނި އެވޯޑު ދިނުމަށް ބާއްވާ ޖަލްސާ ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. އަދި އެކަމުގެ އިތުރު މައުލޫމާތު އެ ޖަލްސާ ބާއްވާނެ ދުވަހެއް ޔަގީންވުމުން ހިއްސާކުރާނެ ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.

ކައުންސިލުތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ކައުންސިލުތަކުގެ ރޭންކިން ކަނޑައެޅުމަށްޓަކައި، ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ ނަމުގައި 2015 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަހު ޚާއްސަ އިންޑެކްސްއެއް ވަނީ އިފްތިތާހު ކޮށްފައެވެ.

އެގޮތުން، ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ އެހީގައި
ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށު ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއް ފަހަރު ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ ޕާފޯމަންސް މޮނިޓާކޮށް ރޭންކް ކުރެވެމުންދެއެވެ.

ނަމަވެސް 2015 ވަނަ އަހަރު އެކުލަވާލައިފައިވާ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ރިވިއު ކޮށް، އާ އިންޑެކްސް އެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެލްޖީއޭ އިން ބުންޏެވެ.

މީގެ އިތުރުން މި އަހަރުން ފެށިގެން ކައުންސިލުތައް މިންކުރުމަށް އާ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ބޭނުން ކުރެވޭނެ ކަމަށާއި އާ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިން ސިޓީ ކައުންސިލުގެ ޕާފޯމަންސް ވެސް މިންކޮށް ރޭންކް ކުރެވޭނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ.

comment ކޮމެންޓް