އިނގިރޭސި ޕްރިމިއާ ލީގް: ރޭ ކުޅުނު މެޗްތަކުން ސިޓީ އާއި ޔުނައިޓެޑް މޮޅުވެއްޖެ

ޕްރިމިއާ ލީގްގައި ރޭ ޔުނައިޓެޑާއި އާ ލީޑްސް ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އެސްޓަންވިލާ ބަލިކޮށް މެންޗެސްޓާ ސިޓީން ތާވަލްގެ އެއްވަނައިގަ އުޅޭ އާސެނަލާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިމެޗް، ސިޓީ ކާމިޔާބުކުރީ ތިނެއް އެކެއްގެ ނަތީޖާއަކުންނެވެ. މެޗްގައި މެންޗެސްޓާ ސިޓީއަށް ގޯލް ހުޅުވާލަދިނީ، މެޗު ފަށައިގެން ހަތަރުވަނަ މިނެޓް ތެރޭގައި ރިޔާދް މާރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮޑްރީއެވެ.

މުޅި މެޗްގައިވެސް މެންޗެސްޓާ ސިޓީން މޮޅަށް ކުޅެފައިވާއިރު، އެޓީމުން ވަނީ އެސްޓަންވިލާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގައި ސިޓީން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 39 ވަނަ މިނެޓް ތެރޭގައި ހާލާންޑް ދިން ޕާހަކުން ގުންޑޯގަންއެވެ. މެންޗެސްޓާ ސިޓީން ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން މާރޭޒްއެވެ.

ޕްރިމިއާ ލީގްގައި ރޭ ސިޓީ އާ އެސްޓަންވިލާ ބައްދަލުކުރި މެޗްގެ ތެރެއިން--- ފޮޓޯ/ ރޮއިޓާސް

އެސްޓަންވިލާއަށް ސުންކަނޑުވާލަދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޑަގްލަސް ލުއިޒް ދިން ބޯޅައަކުން އޮލީ ވަޓްކިންސްއެވެ.

މެޗަށްފަހު ސްކައި ސްޕޯޓްސް އާ ވާހަކަދައްކަމުން މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މެޗުގައި ސިޓީގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅެފައިވާކަމަށާއި، ޚާއްސަ ގޮތެއްގައި ފަހު ހާފުގައި ޓީމުގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނު ކަމަށެވެ.

"މެޗުގައި ކުޅުންތެރިން ފެނުނީ ވަރަށް ރަނގަޅަށް. ޚާއްސަކޮށް ފަހުހާފުގައި ކުޅުންތެރިންގެ ގުޅުން ވަރަށް ރަނގަޅުކޮށް ދިޔައީ. އޭގެ ނަތީޖާއަކީ އަހަރުމެން ގިނައިރު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓްކުރުން،" ގާޑިއޯލާ ބުންޏެވެ.

ޕްރިމިއާ ލީގްގައި ރޭ ސިޓީ އާ އެސްޓަންވިލާ ބައްދަލުކުރި މެޗްގެ ތެރެއިން--- ފޮޓޯ/ރޮއިޓާސް

އެސްޓަން ވިލާގެ ކޯޗް އުނައި އެމެރީ ބުނީ، މެޗަށް ނިކުތުމުގެ ކުރިންވެސް މި މެޗު އުނދަގޫވާނޭކަން އެނގޭކަމަށާއި، މެޗަށް ނުކުތީ މެންޗެސްޓާ ސިޓީކަން ވަރަށް ރަނގަޅަށް ދަނެގެންކަމަށެވެ. އެމެރީ ބުނީ އޭނާގެ ޓީމަށް ގޯސްތަކެއް ހެދުނު ކަމަށާއި، ސިޓީން ޖެހި ލަނޑުތައް އެއީ ވަދެގެންވާނޭ ލަނޑުތަކެއް ނޫންކަމަށެވެ.

"ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ވަރަށްބޮޑަށް މައާފަށް އެދެމޭ. މިއީ އަހަރުމެން ބޭނުންވި ނަތީޖާއެއް ނޫނޭ. ކުރިއަށްއޮތް މެޗަށް ނިކުންނާނީ މިއަދު ހެދުނު ގޯސްތައް ރަނގަޅުކޮށްގެން،" އެމެރީ ބުންޏެވެ.

މެޗަށްފަހު އިނގިރޭސި ޕްރިމިއާ ލީގް ޕޮއިންޓް ތާވަލްގައި މި ދެޓީމް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލުގެ ދެވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 48 ޕޮއިންޓެވެ. މެޗުން ބަލިވި އެސްޓަންވިލާ އުޅެނީ 28 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.

ޕްރިމިއާ ލީގްގައި ރޭ ޔުނައިޓެޑާއި އާ ލީޑްސް ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ/ގެޓީ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗު ދޭއް ސުމެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑެވެ. މެޗުގައި މެންޗެސްޓާ ޔުނައިޓެޑަށް ލަނޑުތައް ޖަހައިދިނީ މާކަސް ރަޝްފޯޑް އަދި އެލަހާންޑްރޯ ގަނާޗޯއެވެ.

comment ކޮމެންޓް