ސިއްހީ ދާއިރާގެ ބިދޭސީ މުވައްޒަފުން ފުރުމުގެ ކުރިން ހެލްތު މިިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަދައިފި

ލެޕެރޮސްކޮޕީއެއް ހަދަނީ -- ފޮޓޯ/ ހެލްތުލައިން

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ރާއްޖެއިން ބޭރަށް ދިޔުމުގެ ކުރިން ހެލްތު މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބޭރު ޑޮކްޓަރުން އެއްވެސް އެއްޗެއް ނާންގައި ފިލާ މައްސަލަ ބޮޑެވެފައިވާތީ އެކަން ހައްލުކޮށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން އިމިގްރޭޝަންއާއެކީ މަޝްވަރާ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން "ސަން"އަށް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ކުރިން "ސަން"އަށް ވިދާޅުވީ އެ މަޝްވަރާތަކުގެ އަލީގައި، ހެލްތު މިނިސްޓްރީގެ ޕޯޓަލްއެއް މެދުވެރިކޮށް އެ މިނިސްޓްރީއަށް އެކަން އަންގައި، މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ނުފުރޭ ގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އޭރު އޭނާ ވިދާޅުވީ އެގޮތަށް އަމަލުކުރަން ފެށޭނީ ޖެނުއަރީ މަހު ކަމަށެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން އާދިލް މިއަދު "ސަން"އަށް ވިދާޅުވީ، އެކަމަށް ބޭނުންވާ ޕޯޓަލް އިމިގްރޭޝަނުން ހަދާފައިވާ ކަމަށެވެ. އެގޮތުން މީގެ ފަހުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް ބިދޭސީ މުވައްޒަފަކަށް ރާއްޖެ ދޫކޮށް ދެވޭނީ އެ ޕޯޓަލްގެ ދަށުން މިނިސްޓްރީއަށް އެކަން އަންގައި، އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑޮކްޓަރުން އެކަންޏެއް ނޫން. އެ އުސޫލު ރާއްޖޭގެ ސިއްހީ ދާއިރާގަ މަސައްކަތްކުރާ ހުރިހާ ބޭރު މުވައްޒަފުންނަށް ވެސް ހިނގާނެ. އެހެން ވީމަ މިހާރު އޭގެން އެއްވެސް މީހަކަށް މިނިސްޓްރީގެ ހުއްދަ ނެތި ނުދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރުން ފިލާ މައްސަލަ އާއްމުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. އާދިލް ވިދާޅުވީ އެ ފިޔަވަޅާއެކު ޑޮކްޓަރުން ފިލާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެންމެ ފަހުން ވެސް ޅ. ނައިފަރުގައި ހުންނަ އެ އަތޮޅުގައި އޭރު މަސައްކަތް ކުރި ކިއުބާއަށް ނިސްބަތްވާ އޮޕަރޭޝަން ޑޮކްޓަރު ވަނީ ފިލައިގެން މާލެ އައިސްފައެވެ. އޭނާ ވެސް ފިލީ އެއްވެސް އެއްޗެއް ނާންގައެވެ.

އާދިލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޑޮކްޓަރުން އަނބުރާ ދާ މައްސަލަ ދިމާވާތީ އަހަރެއްގެ ތެރޭގައި އަބަދުވެސް 30ވަރަކަށް އާއްމު ޑޮކްޓަރުން ހޯދުމަށް އިއުލާނުކުރެ އެވެ. އަދި ކޮންމެ ހަފުތާއެއް ކަހަލަ ގޮތަކަށް އިންޓަވިއުތައް ބާއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއް މަސްދުވަހުގެ ތެރޭގައި ޑޮކްޓަރުން ނެގި ނަމަވެސް އެމީހުން ރާއްޖެ އަންނަން ވެސް ނަގާ ދެތިން ހަފުތާ. އެކަހަލަ ކަންކަމަށް ނަގާ ވަގުތު،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ބޭނުން ވަނީ ޑޮކްޓަރުން މަދު ހުރިހާ ތަނަކަށް ވީ އެންމެ އަވަހަކަށް ޑޮކްޓަރުން ހަމަޖައްސައިދޭން ކަމަށް އާދިލް ވިދާޅުވިއެވެ.

comment ކޮމެންޓް