ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަޙުމަދު ނިހާން ޙުސެއިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ތާވަލުކުރި އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލައިފިއެވެ.
ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ދެ ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ.
އެ މައްސަލައިގައި މިއަދަށް ތާވަލުކޮށްފައި އޮތީ އިފްތިތާހީ ބަޔާން ހުށަހަޅައި ޝަރީއަތް ފެށުމެވެ.
ނަމަވެސް އަޑުއެހުން ފެށުމާއެކު ނިހާނުގެ ފަރާތުން ދިފާއީ ވަކީލް ހުސްނީ މުބާރިކް ވިދާޅުވީ, މިދިޔަ މަހު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހެކި ލިސްޓު މުރާޖާ ކުރުމަށް ފުރުސަތު ދިނުމަށެވެ.
އެކަމަށް ދައުލަތުން ވަނީ އިއުތިރާޒުކޮށްފައެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ, މައްސަލަ ފެށުނު ފަހުން ވުޖޫދުވާ ގާނޫނެއްގެ ސަބަބުން މައްސަލައިގައި ފަހަތަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ދައުލަތުގެ އިއުތިރާޒް ގަބޫލުކޮށް ހެކި ލިސްޓު މުރާޖާ ކުރުމަށް ފުރުސަތު ނުދިނުމަށް ނިންމާފައެވެ.
ދެން ދިފާއުން އެދުނީ އިފްތިތާހީ ބަޔާން ހުށަހެޅުމަށް ހަފުތާއެއްގެ މުއްދަތެއް ދިނުމަށެވެ. އެކަމަށް ދައުލަތުން އިއުތިރާޒު ކޮށްފައެއް ނުވެއެވެ. އަދި ގާޒީ ވަނީ އެކަމަށް ދިފާއަށް ހަތް ދުވަސް ދީފައެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބާއްވަން ތާވަލުކުރި ދެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ. އަހަރެއްހާ ދުވަސް ފަހުން އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ވެސް ކުރިއަށް ނުގެންދެވި ނިންމާލާފައިވާއިރު ދެން އަޑުއެހުމެއް ބާއްވާނެ ތާރީހެއް ގާޒީ އިއުލާނެއް ނުކުރައްވައެވެ.
ނިހާންގެ މައްޗަށް ދައުވާ އުފުލީ މަޖިލީހުގެ މެމްބަރު ކަމުގައި އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމުގައި ހުންނެވިއިރު އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދީބު ދިން ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގުން ހާމަވުމުން ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
comment ދަތްދޮޅި އާދަނު
2 year 2 month ago
ދެންތިމައްސަލަތަކެއް ކުރިޔަކަށްނުދާނެ، އޭނަ އެހުރީ މާބޯބޮޑު އެއްޗެއްހަދާފަ، މިހާރު އެއީ ސޭޓްގެ އެޑުވައިޒާރ، މީ މައްސަލައަކީ، ނިކަމެއްޗެއްނަމަ ހުރިތަނަކުން ނެރެ ސަރީއަތް ހިންގާފަ ކުޑަގޮޅިއަށްލާނެ، މިކަހަލަ މީހުން މިލިޔަނުން ކާލީމަވެސް އަހަރު ދެއަހަރުވާއިރުވެސް މައްސަލަ ކުރިއަށްނުގޮސް ޕާކުކޮށްފަ، ދެންދުވަސް ކޮޅަކުންބުނާނީ ސާބިތުވާވަރަށް ހެކިނެތީމަ މައްސަލަ އަނބުރާނެގިއްޔޭ، މީ ކޮންކަހަލަ އިންސާފެއްތޯ