36ވަނަ ގައުމީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފަށައިފި

36 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ތެރެއިން --- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފިއެވެ.

ކިންގް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި އޮތް އެ ޖަލްސާގައި މުބާރާތުގައި ބައިވެރިވިންނާއި ސްކޫލު ދަރިވަރުންވަނީ ބައިވެރިވެފައެވެ.

މި ޖަލްސާގެ ތެރެއިންވަނީ މި އަހަރުގެ ގައުމީ މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންގެ ޕްރޮފައިލް ހުށަހަޅައިފައެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ފޮރިން މިނިސްޓްރީގެ މަލްޓިލޭޓަރަލް އެފެއާޒް ޑިޕާޓްމަންޓުގެ އިސްވެރިޔާ މަރްޔަމް މިދްފާ ނައީމެވެ.

އޭނާއަކީ ސްކޫލު ދައުރުގައި އަދަބީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ބޭކަނބަލެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އަދި ފޮރިން މިނިސްޓްރީގައި ވެސް މުހިންމު މަގާމުތަކެއްވަނީ ފުރުއްވައިފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މިދްފާ ވިދާޅުވީ ވާހަކަދެއްކުމުގެ ހުނަރަކީ މިއަދު އޭނއާއަށް އެންމެ މުހިންމު އަދި އެންމެ ބޭނުންތެރި ހުނަރު ކަމަށެވެ.

އެގޮތުން ވަޒީފާގެ މަސައްކަތުގައި ވާހަކަދެއްކުމުގެ ހުނަރު ބޭނުންކޮށް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުމަށް ޓަކައި ދިވެހީންގެ ނިންމުން ބުނެދިނުމުގައި ވާހަކަދެއްކުމުގެ ހުނަރު މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުގެ މަސައްކަތުގައި ހަމަގައިމު ވެސް ކޮންމެ ދުވަހަކު ވެސް ތަފާތު ރިޕޯޓުތައް ކިޔަންޖެހޭ. ޚަބަރު ކިޔަންޖެހޭ. އެ ހުރިހާ އެއްޗެއް ކިޔައިފައި އެހެން މީހަކަށް ފަސޭހައިން ދޭހަވާ ގޮތަށް ޚުލާސާކޮށްދޭންޖެހޭ. ދިވެހި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި، އެކި މީހުންނާ އެކި ގޮތްގޮތަށް ވާހަކަދައްކަން ޖެހޭ. އަޅުގަނޑުމެން ބޭނުންވާ ގޮތް ބުނެދޭން ޖެހޭ. އެ ގޮތް ހޯދުމަށް ބަހުސް ކުރަންޖެހޭ، މަޝްވަރާކުރަންޖެހޭ. މިއިން ކޮންމެ ކަމެއްގައި ވެސް އަޅުގަނޑު މިއަދު ބޭނުންކުރަމުން މި ދަނީ އެ ދުވަހު ވާހަކަދެއްކުންތެރިކަމުގެ ތެރެއިން އަޅުގަނޑަށް ދަސްވި އުކުޅުތައް. އަޅުގަނޑު ދަސްކުރި އުކުޅުތައް،" މިދްފާ ވިދާޅުވިއެވެ.

ހަމައެއާއެކު އެ ޖަލްސާގައިވަނީ މީގެ ކުރިން ގައުމީ ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވި ފަރާތެއްކަމަށްވާ ފަތިމަތު އިޔާދާ ޝަރީފް ވާހަކަދައްކައިފައެވެ. އިޔާދާގެ ވާހަކައިގައިވަނީ އޭނާ މި މުބާރާތުގައި ބައިވެރިވެ ކުރެވުނު ތަޖުރިބާ ހިއްސާކޮށްފައެވެ.

އެގޮތުން ވާހަކަދެއްކުމުގެ މުބާރާތަކީ މުޖުތަމައުގައި ހިނގާ ގިނަ ކަންތައްތަކެއްގެ މައްޗަށް ކޮންމެ ކުއްޖެއްގެ ވިސްނުން ހުޅުވައިދޭ ކަމެއްކަމަށް އޭނާ ބުންޏެވެ.

ގިނަ ބައެއްގެ ކުރިމަތީ ޖެހިލުންވުމެއް ނެތި ރަނގަޅަށް ވާހަކަދައްކަން ބޭނުން ނަމަ ކުރަންވީ މުހިންމު ކަންކަމަށް ވެސް އިއާދާގެ ވާހަކައިގައިވަނީ އަލި އަޅުވައިލައިފައެވެ.

"އެ ދުވަހަށްފަހު މިއަދާ ހަމައަށް އައި އިރުވެސް ޕޯޑިއަމެއްގެ ކައިރީ ހުއްޓޭ ހަމަ ކޮންމެ ފަހަރަކު ފިނިވޭ. މިހާރު ވެސް މިހުރީ ވަރަށް ފިނިވެފައި. މި ފިނިވުން އަދި ކުޑަކޮށްލާނެ ގޮތެއް އެކި އުސްތާޒުން ކައިރިން އަޅުގަނޑު ދަސްކުރިން. ނަމަވެސް އެންމެ މުޖައްބިރު ފަންޑިތައެއް ފެންނަން އޮތީ ޑެއިލް ކާނީ ލިޔުއްވައިފައި އޮތް ދަ އާޓް އޮފް ޕަބްލިކް ސްޕީކިންގައި. އޭނާ ވިދާޅުވެފައިވަނީ ކުޅަދާނަ ވާހަކަދެއްކުންތެރިއަކަށްވުމަށް ތިން ކަމެއް ކުރަންޖެހެޔޭ. ފުރަތަމަ ކަމަކީ ފަރިތަކުރާށޭ، ދެވަނަ ކަމަކަށް ވެސް ވިދާޅުވަނީ ފަރިތަކުރާށޭ. އަދި ދަންނަވަންތޯ، ތިންވަނަ ކަމަކަށް ވެސް ވިދާޅުވަނީ ފަރިތަކުރާށޭ،" އިޔާދާ ބުންޏެވެ.

މީގެ އިތުރުން އެ ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚް އިލްޔާސް ޖަމާލް ވަނީ ވާހަކަދައްކަވައިފައެވެ.

މި އަހަރުގެ މުބާރާތް ބަހާލާފައި ވަނީ ހަތަރު ބަޔަކަށް ކަމަށް ވާއިރު ފުރަތަމަ ބަޔަކީ ސްކޫލްތަކުގެ ބަޔެވެ.

36 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ތެރެއިން --- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

މިފަހަރު ދަށު ސާނަވީގައި ޖުމުލަ 28 ސްކޫލަކުން 169 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މާލޭގެ 17 ސްކޫލަކާއި އަތޮޅުތެރޭގެ 11 ސްކޫލެއް ހިމެނެއެވެ. ސާނަވީ ގިންތީގައި ޖުމުލަ 25 ސްކޫލަކުން ބައިވެރިވެފައިވާއިރު ޖުމުލަ 155 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 16 ސްކޫލަކާއި އަތޮޅުތެރޭގެ ނުވަ ސްކޫލެކެވެ.

36 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

ހަމައެއާއެކު މަތީ ސާނަވީގެ ޖުމުލަ ހަތް ސްކޫލަކުން ބައިވެރިވެފައިވާއިރު ޖުމުލަ 36 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މަތީ ސާނަވީގައި ބައިވެރިވި ސްކޫލުތަކުގެ ތެރެއިން ހަތަރު ސްކޫލަކީ މާލޭގެ ސްކޫލްތައް ކަމަށްވާއިރު ތިން ސްކޫލަކީ އަތޮޅު ތެރޭގެ ސްކޫލްތަކެވެ.

ދެވަނަ ބަޔަކީ މަތީ ތައުލީމުގެ ބައެވެ. މި ބައިގައި ޔުނިވާސިޓީ، ކޮލެޖު ނުވަތަ އިންސްޓްޓިޓިއުޓް / އެކެޑަމީތަކަށް ބައިވެރިވެވޭނެއެވެ. ނަމަވެސް މި ބައިގައި އެކަށީގެންވާ ވަރަށް ބައިވެރިވެފައި ނުވާތީ މަތީ ތައުލީމުގެ ބައި ކުރިއަށް ނުގެންދާނެއެވެ.

ތިންވަނަ ބަޔަކީ އަމިއްލަފަރާތްތަކުގެ ބައެވެ. މި ބައިގައި 18 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާތަކުގެ މީހުންނަށް ބައިވެރިވެވޭނެއެވެ. އެ ބައިގައި 18 އަހަރުން ދަށުގެ ތިން ކުދިންނާއި 18 އަހަރުން މަތީގެ ދެ މީހުން ބައިވެރިވެފައިވެއެވެ.

36 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

ހަތަރު ވަނަ ބަޔަކީ އޮފީސް، ކުންފުނި، ކުލަބު އަދި ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައެވެ. މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް، ކުންފުނި، ކުލަބު އަދި ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިގައި ކުރިއަށްދާނީ ބަހުސް ކުރުމެވެ. މި ބައިގައި ހަ ޓީމަކުން ޖުމުލަ 33 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

އެކެޑަމީން ބުނީ މިފަހަރުގެ މުބާރާތަކީ އެންމެ ގިނަ އަދަދަކަށް ކުދިން ބައިވެރިވި މުބާރާތް ކަމަށެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ސްކޫލުތަކުން ޖުމުލަ 363 ދަރިވަރުން ބައިވެރިވެފައިވާއިރު މުޅި މުބާރާތުގައި ޖުމުލަ 411 ބައިވެރިން، ބައިވެރިވެއެވެ.

comment ކޮމެންޓް