މައިކްރޮސޮފްޓުގެ ބިންގް އޭއައި އޮފީސް އެޕްލިކޭޝަންތަކުގައި ހިމަނަނީ

މައިކްރޮސޮފްޓްގެ އީމެއިލްތަކާއި ލިޔުންތައް ލިޔުމަށް އޭއައި ޓެކްނޮލޮޖީ ޓެސްޓު ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ރިޕޯޓުތަކުގައިވޭ -- ފޮޓޯ/ މައިކްރޮސޮފްޓް

މައިކްރޮސޮފްޓުގެ އޯޕަންއޭއައި ޓެކްނޮލޮޖީ އެ ކުންފުނީގެ އޮފީސް އެޕްލިކޭޝަންތަކުގައި ހިމެނުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅޭ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

މައިކްރޮސޮފްޓްގެ އީމެއިލްތަކާއި ލިޔުންތައް ލިޔުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކުރުމުގެ މަސައްކަތް އެ ކުންފުނިން ޓެސްޓު ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ދަ ވާޖްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މައިކްރޮސޮފްޓްގެ ކުރިއަށްހުރި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނިން ވަރަށް އަވަހަށް ހިއްސާކުރާނެއެވެ. އެގޮތުން، އެ ކުންފުނީގެ އާ އޭއައިގެ އަޖުމަ ބަލާލުމުގެ ފުރުސަތު އަންނަ މާޗު މަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ނޫހުގައިވެއެވެ.

މައިކްރޮސޮފްޓްގެ އާ "ޕްރޮމެތިއަސް މޮޑެލް" އޭއައިގައި ޗެޓް އަދި ކޮމްޕޯޒް ޓެބެއް ހިމެނޭނެކަމަށް ރިޕޯޓްތައް ބުނާއިރު، މައިކްރޮސޮފްޓް ވޯޑް އާއި އައުޓްލުކް އަދި ޕަވަޕޮއިންޓް ފަދަ އޮފީސް އެޕްލިކޭޝަންތަކުގައި ވެސް އޭއައިގެ ޚިދުމަތް ހިމަނާނެ ކަމަށް ވާޖް އިން ބުނެއެވެ.

ނަމަވެސް އޭއައި ޓެކްނޮލޮޖީ އެގޮތަށް ބޭނުން ކުރުމަކީ ގޮންޖެހުން ބޮޑު ކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު، މައިކްރޮސޮފްޓުން ބޭނުންކުރާ ކަމަށް ބުނާ ލެންގުއެޖް މޮޑެލް ކަމަށްވާ ޗެޓްޖީޕީޓީއަށް މީގެ ކުރިން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން ޗެޓްޖީޕީޓީ އިން އީމެއިލް ލިޔާއިރު، ލިޔުންތެރިޔާ އާއި ސަބްޖެކްޓް އެއްކޮށްލާތަކަށް ބިޒްނަސް އިންސައިޑާ ނޫހުން ވަނީ ދައްކާފައެވެ.

މީގެ އިތުރުން ޕީސީވޯލްޑުން ދާދި ފަހުން ވަނީ، ނަސްލީ ފުރައްސާރަ ކުރުމަށް ބޭނުންކުރާ ބަސްތައް ބިންގް އޭއައި އިން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އެ ވާހަކައަށް ރައްދު ދެމުން މައިކްރޮސޮފްޓުން ބުނީ އެ ކުންފުނިން މިހާރުން މިހާރަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އެކަން ހައްލު ކުރުމަށް ރަނގަޅު ގޮތްތަކެއް ބަލަމުން އަންނަ ކަމަށެވެ.

މައިކްރޮސޮފްޓުން ޕްރޮމެތިއަސްގެ ތެރޭގައި ބޭނުންކުރަނީ ކޮން ސޭފްޓީ ސިސްޓަމްތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ކަންބޮޑުވުންތަކުގެ އިތުރަށް، ގޫގުލް ފަދަ ވާދަވެރިންގެ އުފެއްދުންތެރިކަމުގެ ސަބަބުން މައިކްރޮސޮފްޓްގެ ވިޔަފާރިއަށް ހުރަސް އެޅޭތީ އެ ކުންފުނީގެ އިސް ވެރިން މާ ބޮޑަށް ބިރުގަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މައިކްރޮސޮފްޓުން އެ ކުންފުނީގެ އޯޕަންއޭއައި ޓެކްނޮލޮޖީ، އޮފީސް އެޕްލިކޭޝަންތަކުގައި ހިމަނަން ރާވާފައިވުމުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަމަށް އިތުރު ކުރިއެރުމެއް ލިބުނު ނަމަވެސް އެ ޓެކްނޮލޮޖީގެ ވަށައިގެންވާ ސައްހަކަމާއި ރައްކާތެރިކަމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ވެސް މައިކްރޮސޮފްޓްއަށް ޖެހޭނެ ކަމަށް ދިރާސާވެރިން ބުނެއެވެ.

comment ކޮމެންޓް