ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ހައިވޭ މަތިން، ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. ސައިކަލް ދުއްވަން އިނީ އެމްއޭސީއެލްގެ މުވައްޒަފެކެވެ.

ސިނަމާލެ ބުރިޖު މަތީގައި ހިނގި އެކްސިޑެންޓުގައި ގެއްލުން ލިބުނު ކާރާއި ސައިކަލު -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް
އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްއަށް ފަރުވާދިނުމަށް ގެންދިޔައީ ސައިކަލުގައި އިން މީހާއަށެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީގައެވެ.
އެމީހާގެ މިހާރުގެ ހާލަތާ ގުޅިގެން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ، އަދިވެސް އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އަދި މިހާރު އޭނާ އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އަދި ކާރުގެ ކުރީ ބައި ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ބްރިޖު ހައިވޭއަކީ ގިނަ އެކްސިޑެންޓުތަކެއް ހިނގާ ތަނަކަށް ވާއިރު އެ އެކްސިޑެންޓުތަކުގައި ބައެއް މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.