ރ. ރަސްމާދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ރަށުގައި ފްލެޓް އަޅައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި އެ ރަށުގެ ކައުންސިލުން އެދެފިއެވެ.
ރަސްމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާ ރައީސް އިއްޔެ ބައްދަލުކުރައްވާ ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް، ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކު ވެސް ރަސްމާދޫގައި ނުހިންގާވަރަށް މި ފާއިތުވެދިޔަ ހަތަރު އަހަރުގައި އެ ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާކަން ފާހަގަކޮށްފައެވެ. އަދި، މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް އޮތް ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
ރަސްމާދޫ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރަމުން ކައުންސިލުން ވަނީ ރަށުގެ މަގުތައް ނުހެދި އޮތުމުން ދިމާވާ ދަތިތަކާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަމުގެ އިތުރުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން ބަނދަރުގައި ރޭމްޕެއް އެޅުމާއި، މޫދަށް އެރޭ ސަރަޙައްދެއްގެ އިތުރުން، ކުޅިވަރު ކުޅުމަށް ބޭނުންކުރަން ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ.

ރައީސ، ރ. ރަސްމާދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކޮށްފައެވެ.
ރައީސް ވަނީ ރަސްމާދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީން ފާހަގަކުރި ކަންކަމުގެ ތެރެއިން ކުރިޔަށްގެންދެވޭނެ ކަންކަމަކީ ކޮބައިތޯ ބައްލަވާނެ ކަމަށާއި، އަދި މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ގޮތަކަށް ކަންކަން ނިންމަވައިދެއްވާނެ ކަމުގައި ވިދާޅުވެފަވެ.

ރައީސް، ރ. ރަސްމާދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މިކަންކަމުގެ އިތުރުން ވެސް ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ކަންކަމާއި ތަރައްގީގެ މުހިންމު ކަންކަން ސަރުކާރުން ކުރިޔަށް ގެންދަނީ ރަށްރަށުގެ އިގްތިސާދު ކުރިއަރުވައި އާމްދަނީ އިތުރުކުރުމުގެ މަގްސަދުގައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.