މިދިޔަ ހޯމަ ދުވަހު ތުރުކީވިލާތަށް ދެ ފަހަރެއްގެ މަތިން ބިންހެލުން އައިސް އެތައް ހާސް ބަޔަކު މަރުވެ، އިމާރާތްތަކުގެ ކުނިތަކުގެ ތެރޭގައި އެތައް ބަޔަކު ތާށިވެ މުޅި ގައުމު މިކާރިސާގެ ތެރޭގައި ވަނިކޮށް ކުއްލިގޮތަކަށް އެ ގައުމުގެ ސަރުކާރުން ޓްވިޓާ ބަންދުކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
ބިންހެލުން އައިތާ ދެ ދުވަސް ފަހުން، ޓްވިޓާއަށް ވަނުމަށް ތުރުކީ ސަރުކާރުން ހުރަސް އަޅާފައިވާ ކަމުގެ ޚަބަރުތައް ފެތުރުމާއެކު، ހާލަތު އިތުރަށް ގޯސްވެ އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވިއެވެ.
ބްލޫމްބާގްއިން ބުނި ގޮތުގައި ބުދަ ދުވަހުގެ މެންދުރު ފަހު ތުރުކީގެ ރައްޔިތުންނަށް ޓްވިޓާ އަށް ވަނުމަށް ދަތިތަކެއް ދިމާވެ، ސޯޝަލް މީޑިއާގެ ޚިދުމަތް ބޭނުން ކުރަން ގިނަ ބަޔަކަށް ވީޕީއެން ބޭނުންކުރަން މަޖުބޫރުވިއެވެ.
ތުރުކީގެ އިދިކޮޅު މައި ޕާޓީގެ ލީޑަރު ކެމަލް ކިލިކްޑަރޮގްލޫ ވަނީ ސަރުކާރުން ޓްވިޓާ ބްލޮކް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
ޓްވިޓާއަކީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަގުހުރި ވަސީލަތަކަށްވާ އިރާއި، ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ފޮޓޯތައް އެ ޕްލެޓްފޯމްގައި ފުޅާ ދާއިރާއެއްގައި ހިއްސާކުރަމުންދާ ދަނޑިވަޅެއްގައި، ތުރުކީއިން އެ ފިޔަވަޅު އެޅި ސަބަބެއް ސާފެއް ނުވެއެވެ.
އެ ޚަބަރުތަކާ ގުޅިގެން، ޓްވިޓާގެ ސީއީއޯ އީލޯން މަސްކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުރުކީގައި ޓްވިޓާއަށް ވަނުމުގެ ފުރުސަތު "ވަރަށް އަވަހަށް އަލުން ލިބޭނެ" ކަމަށެވެ. އެހެންކަމުން އެގައުމުގައި ޓްވީޓާ ބޭނުންކުރުމުގައި މައްސަލަ އުޅޭކަން ގިނަ ބަޔަކަށް ކަށަވަރުވިއެވެ.
އޭގެ ފަހުން، އިންޓަނެޓް މޮނިޓަރިން ސައިޓެއް ކަމަށްވާ ނެޓްބްލޮކްސްއިން ވަނީ ތުރުކީގައި ޓްވިޓާ ބޭނުން ކުރެވޭ ގޮތް އަލުން ހަދާފައިވާ ކަމަށް ބުނެފައެވެ. އެގޮތަށް ހެދީ، ތުރުކީގެ ސަރުކާރުގެ އޮފިޝަލުން ޓްވިޓާގެ އިސްވެރިންނާ ބައްދަލުކުރި ފަހުން ކަމަށާއި، ސަރުކާރުން ވަނީ ބިންހެލުމާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރޭ ކަމުގެ ކަންބޮޑުވުން ޓްވިޓާއާ ހިއްސާކޮށްފައި ކަމަށް ނެޓްބްލޮކްސްއިން ބުނެފައިވެއެވެ.
މިއީ ތުރުކީން ސޯޝަލް މީޑިއާގެ ޚިދުމަތަށް ހުރަސް އެޅި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އެރުދުޣާން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނާ ވޮއިސް ރެކޯޑިންތަކާއި ލިޔުންތަކެއް އާންމުވުމާ ގުޅިގެން، 2014 ވަނަ އަހަރު އެގައުމުގައި ޓްވިޓާ ވަގުތީ ގޮތުން މަނާކުރިއެވެ.
މި ކާރިސާއާ ގުޅިގެން ތުރުކީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެންމެ ފަހުން ޓްވިޓާ ބްލޮކް ކުރަން އެޅި ފިޔަވަޅާ އެކު ތުރުކީގެ އަމަލުތަކާމެދު ވަނީ އިތުރު ކަންބޮޑުވުން އުފެދިފައެވެ. ނުރައްކާތެރި ކާރިސާއެއްގެ ތެރޭގައި، ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ބުނެ ގިނަބަޔަކު ދަނީ އަޑު އުފުލަމުންނެވެ.