އާސަންދައިގެ ޚަރަދު ބޮޑެއް ނުވޭ، ނަޝީދު އޮޅުވާލީ: ސަރުކާރު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، އާސަންދައަށް ކުރާ ޚަރަދު އިތުރުނުވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެފަދައިން ވިދާޅުވީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، އާސަންދައަށް ކުރި ހަރަދު އެހެން މަސްމަހާ އަޅާބަލާއިރު ޖެނުއަރީ މަހު އިތުރުވެފައި ނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މިދިޔަ ޖެނުއަރީ މަހާ އަޅާބަލާއިރު، އާސަންދައަށް ކުރި ހަރަދު ހަތަރު ގުނަ ވެފައިވާތީ އެއީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ވީ ކަމެއްތޯ، ނަޝީދު ވަނީ ސުވާލު އުފައްދަވައިފައެވެ.

"އެތެރޭގެ އިންތިޚާބަކާ އާސަންދައާ ގުޅުވީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެތެރޭ އިންތިޚާބުތަކާ ދިމާކޮށް، މީހުން ޑޮކްޓަރަށް ދެއްކުން އިތުރުވެގެންދާ ކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް." މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާސަންދައިން އެ މަހަކަށް ޚަރަދު ކުރަނީ އެ މަހެއްހާ ޑޮކްޓަރަށް ދައްކާ މީހުންގެ ޚަރަދު ނޫން ކަމަށެވެ. އާސަންދައިން ފައިސާ ފޮނުވަނީ އެކިއެކި ހޮސްޕިޓަލް ތަކުންނާއި ކްލިނިކްތަކުން ފޮނުވާ ބިލުތަކަށް ކަމަށާއި އެއީ، ވަކިވަކިން ޑޮކްޓަރަށް ދައްކާ މީހުންނަށް ވަގުތުން ދޫކުރާ ފައިސާ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެނގިވަޑައިގަންނަވާނެ، ކިހިނެއް ކަން އެ ކަން ކުރިއަށް އެ ދަނީ. އަދި، ރައީސުލްޖުމްހޫރިއްޔާކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅެއް ވީމައި ހަމަ ގައިމުވެސް ދައުލަތުގެ މާލީ ކަންކަން އޮންނަ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ." އޭނާ ވިދާޅުވިއެވެ.

އާސަންދައިގެ ކަންކަން ހިނގާ ގޮތް ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނު އެފަދައިން ވާހަކަފުޅު ދެއްކެވި ސަބަބެއް އެނގިނުލައްވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބެއް އޮތަސް އިންތިޚާބެއް ނެތަސް ހިލޭ ބޭސް ފަރުވާ ކުރެވޭނެ ކަމަށާއި ނަޝީދު އެފަދައިން ވިދާޅުވި ސަބަބެއް ނޭނގޭ ކަމަށެވެ. އެއީ، އެ ކަން ހިނގާ ގޮތް ނޭނގޭތީ ނޫން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

comment ކޮމެންޓް