ނަޖިހުން ''ފަރުވާ'' ދިން މީހެއްގެ ގާތަށް ދިވެހިން: ތަހުޒީބެއް ނުވި!

މާލާ އަލީ: ފަރުވާގެ ނަމުގައި އޭނާ އޮޅުވާލައިގެން ކުރާ ކަންކަމުގައި މަޅީގައި ދިވެހިން ވެސް ޖެހުނު--

އޭނާގެ ކުޑަކަމުދާ ތަކެއްޗަކީ އެހެން އިންސާނުންނަށް ޝިފާ ލިބޭ އެއްޗެއް ކަމަށް ބުނާ އިރާގުގެ މާލާ އަލީ ގާތުން ފަރުވާ ހޯދަން އެތައް ދިވެހީންނެއް ކިޔޫހެދިއެވެ. އޭނާ ގާތުން ފަރުވާ ހޯދޭނެ ގޮތެއް ހޯދުމަށް އެތައް ބަޔަކު މަސައްކަތް ކުރިއެވެ. އަދި ގިނަ ބަޔަކު އޭނާ ގާތަށް ވެސް ދިޔައެވެ. އެއީ ބޮޑު އޮޅުވާލުމެއްކަމަށް ގަބޫލު ކުރި މީހުންނަށް ވުރެން އެއީ އާދަޔާ ހިލާފު ބާރެއް ލިބިފައިވާ މީހެއް ކަމަށް ގަބޫލު ކުރި މީހުން މަދެއް ނޫނެވެ.

މި ހާދިސާއިން އެކަނިވެސް އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ބިދުއަތައް ގަބޫލު ކުރުން އޮތް މިންވަރު ސާފުވެއެވެ. ގާތްގަނޑަކަށް އެންމެން ކަހަލަ ގޮތަކަށް ލިޔަން ކިޔަން ދަންނަ އަދި މަތީތައުލީމު ހާސިލްކޮށްފައިވާ މީހުންގެ އާބާދީ ބޮޑު މި ރާއްޖޭގެ މިފަދަ ކަންކަން ގަބޫލު ކުރާ މިންވަރު ދަށް ނޫންކަން މިކަމުންވެސް އެނގިގެން ގޮސްފިއެވެ. މިއާއެކު ޒިޔާރަތަށް ނަދުރު ބުނުމާއި ވަޖިދުވުމާއި ކަންޖާ ކިރުން ފަދަ ކަންކަން އެއްކޮށް ހުއްޓިއްޖެތޯ މި ވަނީ ސުވާލު އުފެދިފައެވެ.

މި ފަހުން ރާއްޖެ އައިސް އެތައް ބަޔަކަށް ފަރުވާ ދިން ކަމަށް ބުނާ އިރާގުގެ ކުރުދީއެއް ކަމަށްވާ މާލާ އަކީ އޭނާގެ ނަމުގެ ފަހަތަށް ޑޮކްޓަރު ލައިގެން އުޅުނު ނަމަވެސް އެފަދަ ތައުލީމެއް ހާސިލް ކޮށްފައިވާ މީހެއް ނޫނެވެ. ބޭރުގެ ނޫސްތަކުން ބުނާގޮތުން "ސްޕްރިޗުއަލް ހީލާ" އަކަށް ވެގެން އުޅޭ މާލާއަކީ އިރާގުގެ މިސްކިތެއްގެ މަސައްކަތު މީހެކެވެ. އެ ވަޒީފާއިން ވެސް އޭނާ ވަކިކުރީ ފަރުވާ ކުޑަވެގެންނެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ މަޝްހޫރުކަން ހޯދީ އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމް ވެފައިވާ މީހުންނާއި ލޯފަން މީހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަނގަޅު ކުރާކަން ދައްކައިގެންނެވެ. ގުރުއާން ކިޔަވަމުން މީހުންގެ އަނގަޔަށް އަތްލައިގެން، ވާހަކަ ނުދެއްކޭ މީހުންނަށް ވާހަކަ ދެއްކޭ ގޮތް އޭނާ ހަދާ ކަމަށް ދައްކައެވެ. ލޯފަން މީހުންގެ ލޮލުގައި އޭނާގެ ކުޅު ހާކައިގެން ކުރާ ކަމަކުން ލޮލުގެ ފެނުން ރަނގަޅުވާ ކަމަށް ދައްކައެވެ. ނަމަވެސް އެއީ މުޅިން އޮޅުވާލުންތަކެވެ.

އެކަން ޔަގީންވާ އަނެއް ކަމަކީ އޭނާ ރާއްޖޭގައި ފަރުވާ ދިން ކަމަށް ބުނާ މީހުންގެ ވާހަކަތަކުންނެވެ. ވާހަކަ ނުދެއްކޭ މައްސަލަ ހައްލު ކުރިކަމަށް އޭނާ ދެއްކީ އެފަދަ ނުކުޅެދުންތެރިކަމެއް ނުހުންނަ ބައެކެވެ. ނަމަވެސް ވީޑިއޯއިން އޮޅުވާލައިގެން ދައްކަނީ ވާހަކަ ނުދެއްކޭ އަދި އަޑު ނީވޭ ބަޔަކު ރަނގަޅު ކުރަނީ ކަމަށެވެ. އެފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުން ރަނގަޅު ކުރި ކަމަށް ބުނެފައިވާއިރު މި ނޫހުން އެ އާއިލާތަކަށް ގުޅާލުމުން ބުނީ އެއީ ދޮގު ކަމަށެވެ.

"ދެން ހަމަ އަޅުގަނޑުމެން ގޭގެ އަންހެނުންގެ ކޮއްކޮއެއް. މިއީ ހަމަ މަންމަނު އަންހެން ކުއްޖެއް. އޭނާ ދިޔައީމައި ވެސް [ރަނގަޅުކުރިކަމަށް ބުނެ] ހަމަ ދޮގު ހެދީ. އޭނާއަށް ވާހަކައެއް ވެސް ނުދެއްކޭ، އަޑެއް ވެސް ނީވޭ. އެކަމު ހަމަ އިނީ އެތާ އަޑު އިވުނުކަމަށް ބަލައިފައި. އޭނާއަށް އެންމެ ގިނައިރުވީ ވެސް. އެކަމު ހަމަ އެއް ގޮތަކަށް ވެސް އަޑެއް ނީވޭ. އެކަމު އޭގައި ވެސް ހަމަ ލިޔުމުގައި އޮތީ އަޑު އިވުނު ކަމަށް،" މާލާ ކައިރިން ފަރުވާ ހޯދި މީހަކާ ތިމާގެ ހާރިސް އަހްމަދު ބުންޏެވެ.

މާލާ ރާއްޖޭގައި: އޭނާގެ މައްސަލަ އަންނަނީ ބަލަމުން-- ފޮޓޯ: މާލާ ފޭސްބުކް

މާލާއަކީ އިރާގާއި ޕާކިސްތާނުގައި ވެސް މިފަދަ އެތައް ކަމެއް ކޮށްފައިވާ މީހެކެވެ. ގުރުއާން ބޭނުންކޮށްގެން ޝިފާ ހޯދައިދޭ ކަމަށް ބުނެ އޮޅުވާލުންތަކެއް އޭނާ އޮޅުވާލާއިރު އެފަދަ މައްސަލަތަކުގައި އޭނާ އެތައް ފަހަރަކު ހައްޔަރު ކޮށްފައި ވެސް އެބަހުއްޓެވެ. އަދި ސައުދީ އަރަބިއްޔާއިން އޭނާ ވަނީ ޑީޕޯޓްވެސް ކޮށްލައިފައެވެ. އިސްލާމީ އުސޫލުތަކާ ހިލާފަށް އޭނާ ކުރާ ކަންކަމުގެ ސަބަބުން ދީނީ އިލްމުވެރިން ފަތުވާތައް ވެސް ނެރެފައި އެބަހުއްޓެވެ.

ދާރެސް ޓީވީގައި ވާހަކަ ދައްކަވަމުން ޝެއިހް އަޙްމަދު ސަމީރު ވިދާޅުވިގޮތުގައި މާލާއަކީ ފަރުވާ ދިނުމުގެ ނަމުގައި އޭނާގެ ކުޑަކަމުދާތަކެތި މީހުން ބުއިމަށް އަންގަމުން ދިޔަ މީހެކެވެ. އެހެންކަމުން އެފަދަ މީހަކީ އިސްލާމީ އުސޫލުތައް ގަބޫލު ކުރާ މީހެއް ކަމާމެދު ސުވާލު އުފެދެއެވެ.

"މީނަގެ ފަރުވާގެ ތެރޭގައި އެބަހުރި އޭނާގެ ކުޑަކަމުދާ އެއްޗެހި ބުއިން، ކިރާ އެއްކޮށް އެއީ ޝިފާގެ ގޮތުގައި އޮތް ކަމަށް ބުނެފައި. އޭނާގެ ދުލުން އެހެން ބުނާ ބައެއް ވީޑިއޯތައް ދުށިން. ޓީވީ ޕްރޮގްރާމްގައި ކިރުތައްޓާއި އޭނާގެ ކުޑަކަމުދާތަކެތި ބަހައްޓައިގެން އެކަން ކޮށް، ދައްކާފައި އެބަހުރި،" ޝެއިހް ވިދާޅުވިއެވެ.

ޝެއިހް އެ ވިދާޅުވި ޓީވީ ޝޯގައި އޭނާ ކުޑަކަމުދާ ތަކެތިން ޝިފާ ލިބޭނެ ކަމަށް ބުނުމުން ކައިރީގައި ތިބި ޝެއިހުންތަކެއް އެކަން ނުވާނެ ކަމަށް ވިދާޅުވެއެވެ. އަދި ﷲ ހަރާމް ކުރައްވާފައިވާ އެއްޗެއްގައި ޝިފާއެއް ނުލައްވާ ކަމަށް ޝެއިހުން ވިދާޅުވުމުން އޭނާ އެކަމާ ދެކޮޅަށް ވާހަކަ ދައްކައެވެ.

މިފަދަ އެތައް ބަޔަކު ރާއްޖޭގައިވެސް އުޅެއެވެ. ސިއްހީ ގޮތުން ދިމާވާ މައްސަލަތައް ރުގްޔާ ކޮށްގެން ރަނގަޅު ކޮށްދޭ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުން އެއީ އާއްމު ކަމެކެވެ. އަދި ރުގްޔާގެ ނަމުގައި އިސްލާމީ އުސޫލުތަކާ ހިލާފު އެތައް ކަމެއް ކޮށް، މީހުންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާތައް ދީފައި ވެސް އެބަހުއްޓެވެ. ބޮޑެތި ބަލިތަކަށް ޑޮކްޓަރީ ފަރުވާ ހޯދަމުން ދަނިކޮށް އެކަން ހުއްޓާލުމަށް ރުގްޔާގެ ހެދުމުގެ ނަމުގައި މަސައްކަތް ކުރާ މީހުން އަންގާފައިވެސް އެބަހުއްޓެވެ.

"މަންމަމެން ކިޔާވަރުން ރުގްޔާ ކުރާ މީހަކު ގެނައީ. ފުރަތަމަ ވެސް އޭނާ ބުނީ އެންޒައިޓީއަށް ޑޮކްޓަރު ދީފައި ހުރި ބޭސްތައް ހުއްޓާލަން. އެ ކާކަށް ނުވާނޭ އެއީ ނިދާ ބޭހޭ. ދެން އެ ހުއްޓާލީމަ މާ ބޮޑަށް ގޯސްވީ،" ޝިއުނާ ޝާހިދު، 22، އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.

ޝެއިހް އަހްމަދު ސަމީރު ވިދާޅުވިގޮތުގައި މީހަކު ކޮށްލާ ކަމަކުން، ކުއްލިއަކަށް ބޮޑެތި ކަންކަން ފަސޭހަވެގެން ދާ ކަމަށް ގަބޫލު ކުރުމަކީ އަގީދާއާ ގުޅުންހުރި ބޮޑު މައްސަލައެކެވެ. މުއުޖިޒާތަކީ ރަސޫލު ބޭކަލުން މެދުވެރިކޮށް މާތް ﷲ އިރާދަކުރައްވާ ކަންކަން ކަމަށާއި އެފަދަ ބާރެއް އިންސާނަކަށް ލިބިގެންވާ ކަމަށް ގަބޫލު ކުރުމަކީ ބޮޑު މައްސަލައެއް ކަމަށް ސަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއާމެދު ގަބޫލު ކުރަން ޖެހޭ ގަބޫލުކުރުންތަކެއް އެބަހުރި. ބައެއް ފަހަރު ވާގޮތަކީ އަޅުގަނޑުމެންގެ ބައެއް ގަބޫލުކުރުންތައް ގޯސްވެއްޖެއްޔާމު އަޅުގަނޑުމެންގެ އަގީދާ އެބަ ފަސާދަވޭ. ވީޑިއޯއަކުން އެއްޗެއް ފެނިގެން ގަބޫލު ކުރެވިގެންދާއިރު އެ ގަބޫލު ކުރެވެނީ އަގީދާއެއް އަނެއްހެން ބަލައިފިއްޔާ،" ސަމީރު ވިދާޅުވިއެވެ.

މިއީ ނުރައްކާ މައްސަލައެކެވެ. ތައުލީމާއި ތަހުޒީބު މި މުޖުތަމައުގައި އަދިވެސް ބޯދާ ވިސްނުންތައް ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ. މާލާގެ ހާދިސާއިން އެކަނިވެސް މިކަން ސާފުވެއެވެ. ވީޑިއޯއެއް ހަމަ ފެންނަ އިރަށް ނުވަތަ މީހަކު އެއްޗެއް ބުނާއިރު އެއީ ތެދު ކަމަށް ގަބޫލުކުރާ މީހުން އުޅެނީއެވެ. ސައިންސާއި ޒަމާނީ ހޯދުންތަކުގެ އަލީގައި ދެމުން އަންނަ ޑޮކްޓަރީ ފަރުވާއަށް ގޮންޖަހާ މީހުން ވެސް މަދެއް ނޫނެވެ. މިއީ އާއްމުން ހޭލުންތެރި ކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.

comment ކޮމެންޓް