އައިޖީއެމްއެޗްގެ އިހުމާލުން ތިނަދޫ އަންހެނެއްގެ ބަނޑަށް ދަރި މަރުވިކަމުގެ ތުހުމަތު!

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗަށް ވިހަން ގެންދިޔަ ގދ. ތިނަދޫ އުމުރުން 24 އަހަރުގެ އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ އަންހެންމީހާގެ އާއިލާ މެމްބަރަކު "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާގެ ދައްތަ ބަލިވެއިނީންސުރެ ގަވާއިދުން ދައްކަމުން އައީ ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރަކަށެވެ.

އެގޮތަށް ޑޮކްޓަރަށް ދައްކަމުން އަންނަނިކޮށް، ހުޅުމާލޭ ހޮސްޕިޓަލްގައި އަންހެނުންގެ ވަރަށް މޮޅު ގައިނީ ޑޮކްޓަރަކު ހުރިކަމުގެ މައުލޫމާތު ލިބިގެން އަނެއްކާ އާއިލާއިން އޭނާ ދެއްކީ އެ ޑޮކްޓަރަށެވެ.

އަންހެންމީހާގެ އާއިލާގެ މެމްބަރުން ލޭބާ ރޫމްގެ ބޭރުގައި ހިތްހަމަނުޖެހުން ފައުޅު ކުރަނީ -- ސަން ފޮޓޯ

"ޓްރީޓޮޕުން ބުނީ ކުއްޖާ އޮތީ ވަރަށް ތިރީގައި ކަމަށް. ދެން އޮބްޒާވް ކުރަން ދުވަސްކޮޅަކު ބާއްވާފައި ހުޅުމާލޭ ހޮސްޕިޓަލަށް ބަދަލު ކުރީ. އޭރު ކުއްޖާ އޮތްގޮތް ތިރިކަމުން ރަހިމަށް ގެއްލުންވެ ވޯޓާ ބޭގުން ލީކުވާތީ އެތަނުގައި ސްޓިޗް ޖެހީ ޑޮކްޓަރަކު. އެ ހޮސްޕިޓަލްގަ 25 ވަރަކަށް ދުވަހު އޮބްޒަވޭޝަންގައި ބާއްވާފައި އޮތީ. އެ ހޮސްޕިޓަލްގައި ބޭބީ ނާސަރީ ނެތީމަ އައިޖީއެމްއެޗަށް ބަދަލުކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވީ،" އާއިލާ މެމްބަރު ކިޔައިދިނެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބެލި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އެމީހާ އައިޖީއެމްއެޗަށް ބަދަލުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހަގައެވެ. އޭރު ހުޅުމާލެ ހޮސްޕިޓަލުން ވަނީ ކުއްޖާ ވިއްސަން ވެއްޖެ ނަމަ، ރޮދި ކެނޑުމަށް ފަހު ކުއްޖާ ނެގޭނެ ކަމަށް އައިޖީއެމްއެޗަށް އަންގާފައި ކަމަށް އާއިލާއިން ބުންޏެވެ.

އޭރު އަންހެންމީހާގެ ބަނޑަށްވީ 25 ހަފުތާއެވެ.

އައިޖީއެމްއެޗްގައި އޭނާ ގާތްގަނޑަކަށް ދިހަ ވަރަކަށް ދުވަސް ހޭދަ ކުރުމަށްފަހު އަންގާރަ ދުވަހުގެ ރޭގެ މެންދަމުން އަލިވެ 01:30 ހާއިރު ބަނޑުގައި ރިއްސަން ފެށުމުން ވޯޑުން ނެރެގެން މާބަނޑު މީހުންގެ އޮބްޒަވޭޝަން ރޫމަށް ބަދަލުކުރިއެވެ.

އެތަނަށް ވެއްދުމަށް ފަހު ވެސް އަންހެންމީހާއަށް އެއްވެސް ފަރުވާއެއް ނުދޭ ކަމަށާއި ނަމަވެސް ތަދު ކަނޑުވަން އިންޖެކްޝަން ޖެހި ކަމަށް އާއިލާއިން ބުންޏެވެ.

އެރެއިން ފެށިގެން އަނެއް ދުވަހުގެ މެންދުރާ ހަމައަށް އައި އިރު ވެސް މުޅި އޮބްޒަވޭޝަން ރޫމްގެ ހުރިހާ އެނދެއް ފުލްކޮށް ތިބި މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހުރީ އެންމެ ނަރުހަކާއި ޑޮކްޓަރެއް ކަމަށް އާއިލާއިން ބުންޏެވެ.

އަންހެންމީހާގެ އާއިލާއާ ފުލުހުންނާ ދެމެދު ހިނގި ދެބަސްވުމެއްގައި އޮބްޒަވޭޝަން ރޫމްގެ ދޮރަށް ގެއްލުން ވެފައި --- ސަން ފޮޓޯ

"ހުރި ޑޮކްޓަރު އައިސް ހަމައެކަނި ކުރި ކަމަކީ ދެމީހެއްގެ ސާޖަރީއެއް ހެދުން. އެއަށް ފަހު ދެން ތިބި ޕޭޝަންޓުން ނުބަލާ ނުކުމެގެން ދިޔައީ،" އާއިލާއިން ބުންޏެވެ.

މިހާލެއްގައި އުޅެނިކޮށް، އިއްޔެ އިރުއޮއްސި 6:00ހާއިރު ޑޮކްޓަރު އައިސް ޖެހި، އިންޖެކްޝަނެއްގެ ސަބަބުން އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ހިތުގެ ވިންދު ޖެހުން ހުއްޓުނީ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

"ދުވަސް ނުފުރާ ވިހަން އުޅޭ ކުއްޖެއް ވީމަ ކުއްޖާގެ ގުނަވަންތައް ފުރިހަމަ ކުރުވަން ވެގެންނޭ ކިޔާފަ ގަޔަށް ޖެހީ އިންޖެކްޝަނެއް. ޖެހި ވަގުތު ވެސް ތުރުތުރު އަޅާފަ ފާޑެއްގެ ގޮތެއް ދައްތައަށް ވީ. އެއަށްފަހު ޑޮކްޓަރު އައިސް ބެލި އިރު ކުއްޖާގެ ހާޓްބީޓެއް ނުދައްކަ. ދެން ސްކޭނެއް ހެދީމަ މި އެނގުނީ ދަރިފުޅު ބަނޑަށް މަރުވެއްޖެކަން،" އާއިލާއިން ކިޔައިދިނެވެ.

"ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ބަނޑަށް ތަދު އަރާ ނަމަ ސްޓިޗްތައް ނައްޓާލީމަ ބޭބީ އަމިއްލައަށް ނުކުންނާނޭ. އެވާހަކަ ބުނީމަ އެކަން ވެސް ނުކޮށް ތިއްބާ އެ މަރުވީ. މަރުވެފައި އޮތް ދަރިފުޅު ބަނޑުތެރެއިން ނަގާދޭށޭ ބުނީމަވެސް ބުނަނީ މިވަގުތު ހުރީ އެންމެ ޑޮކްޓަރެކޭ. ޑިއުޓީއަށް ހެނދުނު ޑޮކްޓަރުން އައިމައޭ ކުއްޖާ ނެގެން އޮތީ."

އާއިލާގެ މެމްބަރު ބުނީ، ކުއްޖާ މަރުވެފައިވާކަން އެނގުނު ވަގުތު ޑިއުޓީގައި ތިބި މުވައްޒަފުން ނިންމީ އަނެއް ދުވަހު އިތުރު ޑޮކްޓަރުންނާއި ނަރުހުން އައުމުން ދަރިފުޅު ބަނޑުން ނަގަން ކަމަށެވެ. އަދި ދަރިފުޅު ބަނޑުގައި އޮތުމުން މަންމައަށް ނުރައްކާވާނީ އިންފެކްޝަން އުފެދިއްޖެ ނަމަ ކަމަށާއި އިންފެކްޝަން ނުއުފެދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެގަޑީގައި ތިބި މުވައްޒަފުން ބުނި ކަމަށް އާއިލާއިން ބުންޏެވެ.

ނަމަވެސް 12:00ގެ ފަހުން ޑިއުޓީ ބަދަލުވުމުން، އަންހެން މީހާގެ ހާލު ބަލަން ދިޔަ ޑޮކްޓަރުންނާއި ނަރުހުންނަށް އޭނާގެ ހަށިގަނޑުގައި އިންފެކްޝަން ހުރިކަން ފާހަގަކުރެވުނު ކަމަށް އާއިލާއިން ބުންޏެވެ. އެހެންކަމުން ކުއްޖާ ނަގަން ވިއްސާ ކޮޓަރިއަށް ވައްދައި، ކުއްޖާ ނެގުނީ މިއަދު ފަތިހު 4:30ގައި ކަމަށް އާއިލާއިން ބުންޏެވެ.

ދަރިއަކު ހޯދަން މަސައްކަތް ކުރާތާ ދެ އަހަރަށް ފަހު ލިބެން އުޅުނު ހަމައެކަނި ދަރިފުޅު މައިމީހާގެ ބަނޑުތެރެއަށް މަރުވެގެން ދިޔައީ ޑޮކްޓަރު ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ތުހުމަތު ކުރާއިރު މުޅި އާއިލާ ތެރެއަށް މިވަގުތު ވެރިވެފައި ވަނީ ފުން ހިތާމައާއި ފަޅުކަމެކެވެ.

"ދައްތަ ކައިވެނީގެ ފުރަތަމަ ދަރިފުޅު އެއީ. އެހެންވެގެން އެންމެ ފަހު ގަޑިއާ ޖެހެންދެން ވެސް މުޅި އާއިލާ ވަރަށް ލުކްފޯވަޑް ކުރަމުން އައީ. މިތަނުގައި ތިބޭ ނަރުހުންނަކަށް ވާނުވާއެއް ނޭނގެ. އެކި މީހުން ކިޔަނީ އެކި އެއްޗެހި. ޕޭޝަންޓާ ހަވާލުވެގެން ޑޮކްޓަރެއް ވެސް ނުހުރެ،" އެއާއިލާގެ އަންހެން މެމްބަރަކު ކިޔައިދިނެވެ.

އެ ހާދިސާއާ ގުޅިގެން އޮބްޒަވޭޝަން ރޫމް ކުރިމަތީގައި އަންހެންމީހާގެ އާއިލާއާއި ފުލުހުންނާ ދެމެދުގައި ވަނީ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައެވެ. އެކަމުގެ ތެރޭގައި އޮބްޒަވޭޝަން ރޫމްގެ ދޮރަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މި މައްސަލައާ ބެހޭ ގޮތުން އައިޖީއެމްއެޗްއިން "ސަން"އަށް ބުނީ، އާއިލާއާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ އާއިލާއިން ބުނީ މައްސަލަ ހައްލުވެފައި ނުވާ ކަމަށާއި މައްސަލަ ފުލުހަށް ހުށަހެޅުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

comment ކޮމެންޓް