އެމްއެންޕީގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކީ ފުދުންތެރި މީހަކަށް ހަދާނަން: ނާޒިމް

އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް --

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ކޮންމެ ދިވެހި ރައްޔިތަކީ ފުދުންތެރިކަމާއެކު ދިރިއުޅޭ މީހަކަށް ހަދާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ޖަގަހައެއް ކ. ގުރައިދޫގައި މިރޭ ހުޅުވައިދެއްވުމަށް ފަހު ނާޒިމް ދެއްކެވި ވާހަކައިގައި ވިދާޅުވީ އާސަންދައިން އެހީއެއް ހޯދަން މިއަދު ޖެހެނީ ކޮންމެވެސް މެމްބަރަކަށް ގުޅައި އާދޭސްކުރަން ކަމަށާއި އެ ނޫން ގޮތަކަށް އެ ފޯމް ގުޑައެއް ނުލާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ބޭސް ސިޓީއަށް ސަލާންޖެހުން އަދިވެސް ނިމުމަކަށް ނާންނަ ކަމަށާއި އެކަން ނިމުނު ވާހަކަ އެއްވެސް ސަރުކާރަކުން ދައްކާނެކަމެއް ނެތް ކަމަށެވެ.

"އަދި އެކަމެއް ނުނިމެ. އިރާދަކުރެއްވިއްޔާ އެކަން ނިންމާނީ އެމްއެންޕީން. އަޅުގަނޑުމެން ތައާރަފް ކުރާނަން އިންޝުއަރެންސް ކާޑެއް. އެ ކާޑު ހިފައިގެން ދިޔައިމަ މީހުން ކައިރިން ސަލާމްޖެހުން ނިމުނީ. އެމީހާއަށް ބޭނުންވާ ސިއްހީ ފަރުވާ ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ،" ނާޒިމް ވިދާޅުވިއެވެ.

ގުރައިދޫގައި 23 ގެސްޓްހައުސް ވިޔަފާރި މިވަގުތު ކުރަމުން އަންނަކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ މާލެއާ އެހާ ކައިރީގައި އޮންނަ ރަށަކަށް ބަލާފައި އެއީ އެންމެ އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއަށްވުރެ، ގިނަ އެނދު ހުރެގެން ނޫނީ ރައްޔިތުންނަށް ރަނގަޅު ނަފާއެއް ނުލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޕީގެ ގެސްޓް ހައުސް ސިޔާސަތުގައި ވަރަށް ތަފާތު ކަންކަން ހިމަނާފައި އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ގެސްޓް ހައުސް ސިޔާސަތުގައި ތަފާތު ކަންކަން އެބަހުރި. އެމްއެންޕީން ގެސްޓް ހައުސް ހަދަން ބިމެއް ނޫން ދޭނީ. ކަނޑައަޅާ ރަށްތަކުގައި ހަތަރު ފަސްބުރީގެ ގެސްޓް ހައުސް ހަދާފަ ޒުވާނުންގެ އަތަށް ދޭނީ ތަޅުދަނޑި،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގުރައިދޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ އެއް ކަންބުޑުވުމަކީ ގްރީން ޓެކްސް މައްސަލަ ކަމަށާއި އެހެންކަމުން އެކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގެސްޓުންގެ އަތުން ނަގާ ގްރީން ޓެކްސްގެ ބޮޑު ޕަސެންޓެއް އެރަށަކަށް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ގުރައިދޫގައި މިރޭ އެމްއެންޕީގެ ޖަގަހަ ހުޅުވުމާއެކު، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެ ޕާޓީގެ ހަރަކާތްތައް ހިންގުމާއި، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރެވިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ޕާޓީގެ އެކި ހަރަކާތްތަކާއި ކެމްޕޭންގެ މަސަކަތްތައް ވެސް އެ ޖަގަހައިގައި ކުރިއަށްދާނެ ކަމުގައި ވިދާޅުވިއެވެ.

comment ކޮމެންޓް