އާސަންދައިގެ ރައްދު: ނަޝީދު ފާހަގަކުރެއްވި އަދަދަކީ މިދިޔަ މަހު ހޯދި ޚިދުމަތްތަކަށް ޚަރަދުކުރި އަދަދެއް ނޫން

އާސަންދަ އޮފީސް

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ، މިދިޔަ މަހު އާސަންދައަށް ހޭދަކުރި 283.4 މިލިއަން ރުފިޔާއަކީ، އެ މަހު އާސަންދަ ސްކީމުން ރައްޔިތުން ހޯދާފައިވާ ޚިދުމަތްތަކަށް ޚަރަދުވި އަދަދު ނޫންކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ސަރުކާރުން އާސަންދައަށް ކުރި ޚަރަދު ހަތަރު ގުނަ އިތުރުވެފައިވަނީ, މިދިޔަ މަހުގެ 28ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ސަބަބުންތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ ސުވާލު އުފައްދަވާފައެވެ.

https://sun.mv/173788

އެ ވާހަކަފުޅާ ގުޅުވައިގެން އާސަންދަ ކުންފުނިން ބުނެފައިވަނީ، ރައީސް ނަޝީދު ފާހަގަކުރައްވާ އަދަދަކީ މިދިޔަ މަހު އާސަންދަ ސްކީމުން ރައްޔިތުން ޚަރަދުކުރި އަދަދު ނޫންކަމަށެވެ. އެގޮތުން، ރައްޔިތުން ހޯދާ ޚިދުމަތްތަކަށް ޚިދުމަތްދޭ ފަރާތުން ބިލް ފޮނުވުމުން އެބިލްތައް ޕްރޮސެސްކުރުމަށްފަހު ޕޭމަންޓް ހެދުމަށް އާސަންދައިން ފޮނުވަނީ އެންސްޕާ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ފިސްކަލް ޑިވަލޮޕްމަންޓް ރިޕޯޓްގައި އެވަނީ، 2022 އާއި 2023 ގެ ޖެނުއަރީ މަހު އެ މިނިސްޓްރީން ފައިސާ ދައްކާފައިވާ ބިލްތަކުގެ އަދަދުން ޖުމްލަ ޚަރަދުކުރި ވަރުކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

ދައުލަތުގެ ޚަރަދުގައި ދިވެހިންނަށް ބޭސްފަރުވާގެ ކަންކަން ހިލޭ ދެމުންދާ އާސަންދައިން ބުނީ، މިދިޔަ މަހު 165،772 މީހުން އާސަންދައިގެ ޚިދުމަތް ހޯދި އިރު އެ އެންމެންގެ ބިލްތަކަށް ޖުމްލަ 200.4 މިލިއަން ރުފިޔާ އަރާކަމަށެވެ.

އާސަންދަ ކުންފުނިން އާންމުކޮށްފައިވާ، އަމިއްލަ މަރުކަޒުތަކުން އާސަންދައިގެ ޚިދުމަތް ހޯދި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި އާސަންދައިގެ ޚިދުމަތް އެންމެ ގިނަ މީހުން ހޯދާފައިވަނީ ޖެނުއަރީމަހުއެވެ.

ވޭތުވެދިޔަ 5 މަސްދުވަހު އާސަންދައިގެ ޚިދުމަތް ހޯދި މީހުންގެ އަދަދު

  • ޖެނުއަރީ: 165،772
  • ޑިސެމްބަރ: 157،145
  • ނޮވެމްބަރ: 163،366
  • އޮކްޓޯބަރ: 160،291

ވޭތުވެދިޔަ 5 މަސްދުވަހު އާސަންދައަށް ޚަރަދުވި އަދަދު (މިލިއަނުން)

  • ޖެނުއަރީ: 200،410،747
  • ޑިސެމްބަރ: 194،263،039
  • ނޮވެމްބަރ: 181،451،945
  • އޮކްޓޯބަރ: 183،107،029

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރެފައިވާ ދައުލަތުގެ ޚަރަދުތައް އަންގައިދޭ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީމަހުގެ އެކަކުން 26 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް 283.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު މިއަދަދު އުޅެނީ، 67.9 މިލިއަން ރުފިޔާގައެވެ.

މިއަހަރުގެ ބަޖެޓުން އާސަންދައަށް 1.04 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް