މުޒާހަރާގެ ތެރެއިން ނޫސްވެރިއަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަނީ

އިދިކޮޅުގެ މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން މިއަދު ހެނދުނު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ނޫސްވެރިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ޕީޕީއެމްއިން މިއަދު ކުރިއަށް ގެންދިޔަ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން، ފުލުހުން ގަސްތުގައި ނޫސްވެރިންނަށް އަނިޔާދިނުމުގެ ނިޔަތުގައި ކަމެއް ކޮށްފައިވާކަމަށް ނުބެލެވޭކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްޑްތަކާއެކު ކުރިއަށް ޖެހެމުން ދިޔަ ވަގުތު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕާފައި ވާކަމަށް ފުލުހުން ބުންޏެވެ. އަދި ނޫސްވެރިން ޝީލްޑްތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެންކަމުން މިހާދިސާގައި ކަންހިނގި ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަޑްސް ކޮމާންޑުން ތައްޔާރުކުރާކަމަށް ފުލުހުން ބުންޏެވެ.

މިއަދުގެ މުޒާހަރާގައި އަނިޔާވެފައި ވަނީ ޗެނަލް 13ގެ ދެ ނޫސްވެރިއަކަށެވެ. އޭގެ ތެރެއިން ނޫސްވެރިޔާ ހަސަން ޝަހީދު ވަނީ ހޭނެތިގެން މަގުމައްޗަށް ވެއްޓިފައެވެ.

އޭނާގެ ހާލު ސީރިއަސްވެ، އާއިލާއިން އިސްނަގައިގެން މިރޭގެ ވަގުތެއްގައި އޭނާ ވަނީ އިތުރު ފަރުވާއަށް ސްރީ ލަންކާއަށް ފުރުވާލާފައެވެ.

މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވުމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުޒާހަރާތަަކުގައި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.

އިދިކޮޅުން މިއަދު މުޒާހަރާ ކޮށްފައިވަނީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ރައީސުލްޖުމްހޫރިައްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުން މަޖިލީހަށް ވަޑައިގަތް ވަގުތުގައެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޞާލިޙުގެ އިސްތިއުފާއަށް ގޮވައި، މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ވެސް ގޮވާލައިފައެވެ.

މިއަދުގެ މުޒާހަރާއިން ޖުމުލަ 11 މީހަކު ހައްޔަރުކޮށްފައިވާއިރު މުޒަހާރާގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އިދިކޮޅުން ކޯލިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް