އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން މިއަދު ހެނދުނު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން އަނިޔާވި ޗެނަލް13ގެ ނޫސްވެރިޔާ އިތުރު ފަރުވާއަށް ސްރީލަންކާއަށް ގެންގޮސްފިއެވެ.
މިކަމާ ގުޅިގެން ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ، އޭނާ ސްރީ ލަންކާއަށް ފޮނުވަން އާއިލާއިން ނިންމި ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އޭނާ ސްރީ ލަންކާއަށް ފުރުވާލާފައިވާ ކަމަށް އިތުރު ޓްވީޓެއްގައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާވެފައި ވަނީ ޗެނަލް 13ގެ ނޫސްވެރިޔާ ހަސަން ޝަހީދުގެ ބޮލަށެވެ. އެ މުޒާހަރާގެ ތެރެއިން އޭނަ ވަނީ ހޭނެތިގެން މަގުމައްޗަށް ވެއްޓިފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި މިއަދުގެ މުޒާހަރާގައި ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވިއެވެ.
މި މުޒާހަރާއާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ނެރެފައިވާ ބަޔާނެއްގައި ވަނީ، މީޑިއާ ފާސް އަޅައިގެން ތިބި ފޮޓޯގްރާފަރުންނާއި ވީޑިއޯގްރަފަރުންނަށް ފުލުހުންގެ ޝީލްޑުތަކުން ޖެހި އަނިޔާވެފައިވާއިރު، އެމީހުންނަށް ޕެޕާސްޕްރޭގެ އަސަރު ވެސް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މުޒާހަރަތަކުގައި ބާރުގެ ބޭނުންކޮށް، މުޒާހަރާތައް ރޫޅާލާއިރު ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ގޮވާލާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މީގެ އިތުރުން އެމްޖޭއޭއިން ބުނި ގޮތުގައި ވީޓީވީގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ވެސް މިއަދު ވަނީ ލިބިފައެވެ. އެފަދަ އަމަލުތައް އެ ޖަމްޢިއްޔާއިން ކުށްވެރި ކުރާ ކަމަށާއި އެމްޖޭއޭއިން އަބަދުވެސް ގޮވާލަނީ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުންޏެވެ.
އިދިކޮޅުން މިއަދު މުޒާހަރާ ކޮށްފައިވަނީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ރައީސުލްޖުމްހޫރިައްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުން މަޖިލީހަށް ވަޑައިގަތް ވަގުތުގައެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޞާލިޙުގެ އިސްތިއުފާއަށް ގޮވައި، މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ވެސް ގޮވާލައިފައެވެ.
މިއަދުގެ މުޒާހަރާއިން ޖުމުލަ 11 މީހަކު ހައްޔަރުކޮށްފައިވާއިރު މުޒަހާރާގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އިދިކޮޅުން ކޯލިޝަނުން ވަނީ ބުނެފައެވެ.