އެކި މުޒާހަރާތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފުލުހުންނަށް ގޮވާލައިފިއެވެ.
އެމްޖޭއޭއިން މިފަދައިން ގޮވާލައިފައި ވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަން އިން މިއަދު ބޭއްވި މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް އަނިޔާވުމާ ގުޅިގެންނެވެ.
އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ، މިއަދުގެ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވެފައިވާ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން އެމްޖޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މުޒާހަރާ ކަވަރުކުރުމުގައި އުޅުނު ޗެނަލް 13 ގެ ދެ ނޫސްވެރިޔަކަށް އަނިޔާވެފައިވާތީ ކަންބޮޑުވާ ކަމަށެވެ.
އެމްޖޭއޭއިން ބުނީ މީޑިއާ ފާސް އަޅައިގެން ތިބި ފޮޓޯގްރާފަރުންނާއި ވީޑިއޯގްރަފަރުންނަށް ފުލުހުންގެ ޝީލްޑުތަކުން ޖެހި އަނިޔާވެފައިވާއިރު، އެމީހުންނަށް ޕެޕާސްޕްރޭގެ އަސަރު ވެސް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މުޒާހަރަތަކުގައި ބާރުގެ ބޭނުންކޮށް، މުޒާހަރާތައް ރޫޅާލާއިރު ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ގޮވާލާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މީގެ އިތުރުން އެމްޖޭއޭއިން ބުނި ގޮތުގައި ވީޓީވީގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ވެސް މިއަދު ވަނީ ލިބިފައެވެ. އެފަދަ އަމަލުތައް އެ ޖަމްޢިއްޔާއިން ކުށްވެރި ކުރާ ކަމަށާއި އެމްޖޭއޭއިން އަބަދުވެސް ގޮވާލަނީ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުންޏެވެ.
އިދިކޮޅުން މިއަދު މުޒާހަރާ ކޮށްފައިވަނީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށްޓަކައި ރައީސުލްޖުމްހޫރިައްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުން މަޖިލީހަށް ވަޑައިގަތް ވަގުތުގައެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޞާލިޙުގެ އިސްތިއުފާއަށް ގޮވައި، މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ވެސް ގޮވާލައިފައެވެ.
މިއަދުގެ މުޒާހަރާއިން ޖުމުލަ 11 މީހަކު ހައްޔަރުކޮށްފައިވާއިރު މުޒަހާރާގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އިދިކޮޅުން ކޯލިޝަނުން ވަނީ ބުނެފައެވެ.