މާލެއިން ގޯތި ދޭވަރު އިތުރު ކުރަން ނިންމައިފިން: ރައީސް

2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މާލޭ ސިޓީގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ހިންގާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ލިބޭ މީހުންނަށް އަންނަ ޖޫން މަސް ނިމުމުގެ ކުރިން އެކަމުގެ ލިޔުން ހަވާލުކުރާނެ ކަމަށާއި އަދި މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ އަދަދު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ވަނީ، މިދިޔަ އަހަރު އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް އޭރު ވިދާޅުވީ މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެ ކަމަށެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ދުވަހު ދެންނެވި ގޮތަށް އެ މަސައްކަތް ނިންމަން ސަރުކާރުން ހިފި އަމާޒުގާ އެއްވެސް ކަސިޔާރު ކަމެއް ނެތް. ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމާ، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މިއަހަރު ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން އަޅާ ފްލެޓުތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ތަފާތު ފްލެޓުތަކަކަށް ވާނެ ކަމަށެވެ.

އެ ދެ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 1،000 ގޯއްޗާއި ގުޅީފަޅު ހިއްކައި އެ ސަރަހައްދުން ދޫކުރާ 2،000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26ގައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ދެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވި އިރު، ޖުމްލަ 36،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގޯއްޗަށް އެދި 15،164 ފޯމާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި 14،489 ފޯމުގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމު ހުށަހަޅާފައިވެއެވެ.

"މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން. މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު، އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެކަމުގެ ތަފްސީލެއް މިއަދު ރައީސް ނުދެއްވައެވެ.

މީގެ އިތުރުން ރައީސް ވަނީ، އަތޮޅު ތެރޭގައި އިމާރާތް ކުރާ ހައުސިން ޔުނިޓްތަކުން 556 ހައުސިން ޔުނިޓް އަންނަ މެއި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވިދާޅުވެފައެވެ. އިތުރު 2،200 ހައުސިން ޔުނިޓުގެ މަސައްކަތް އަތޮޅު ތެރޭގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އަޅާ 4،000ފްލެޓުތަކުގެ މަސައްކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. ކޮންމެ ކުންފުންޏަކުން ވެސް 2،000 ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކަށް، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވުނެވެ. އެކަމަކު ގޯތި ދެނީ ހަމައެކަނި މާލޭ މީހުންނަށެވެ.

comment ކޮމެންޓް