އިނގިރޭސި ޕްރިމިއަ ލީގްގައި ރޭ ސްޕާސްއަތުން ބަލިވެ، ތާވަލްގެ އެއްވަނައިގައި އުޅޭ އާސެނަލް އާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު މެންޗެސްޓާ ސިޓީން ނަގާލައިފިއެވެ.
ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗުން ސިޓީ ބަލިވީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. މެޗު ސިޓީ ޑޮމިނޭޓް ކުރިނަމަވެސް މެޗު ފަށައިގެން ސްޕާސްއިން ވަނީ ސިޓީގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. ނަތީޖާއަކަށްވީ ސްޕާސްއިން ލަނޑެއް ޖެހުމެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މިމެޗްގައި ފެނުނު ހަމައެކަނި ލަނޑު ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. މި ލަނޑު ކޭން ޖަހާފައިވަނީ ފެޗް ފަށައިގެން 15 ވަނަ މިނެޓް ތެރޭގައި ހޮއިބިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
ކޭންގެ ލަނޑާއެކު އޭނާއަށް ވަނީ ސްޕާސްއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. ކޭން ވަނީ މިހާތަނަށް ސްޕާސްއަށް 267 ލަނޑު ޖަހައިދީފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 266 ލަނޑު ޖަހައިގެން ކުރީގެ ސްޕާސްގެ ލެޖެންޑް ޖިމީ ގްރީވްސް އަތުގައެވެ.

ހެރީ ކޭންގެ ލަނޑަށްފަހު ސްޕާސްއިން އެކަން ފާހަގަކުރުމުގެ ތެރެއިން--- ފޮޓޯ/ސްޕާސް
ރޭގެ މެޗަށް ސްޕާސް ނިކުތީ އެޓީމްގެ ހެޑް ކޯޗް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ނުލައެވެ. ކޮންޓޭގެ ގޯލްޑް ބްލެޑާ ނެގުމުގެ އޮޕަރޭޝަނަށްފަހު އަދި އޭނާ ހުރީ ރިކަވަރީވުމުގެ މަގުމަތީގައެވެ. އެހެންކަމުން ރޭގެ މެޗުގައި ސްޕާސްއަށް އިރުޝާދު ދީފައިވަނީ އެސިސްޓަންޓް ކޯޗް ކްރިސްޓިއަން ސްޓެލިނީއެވެ.
ރޭގެ މެޗުން މެންޗެސްޓާ ސިޓީ މޮޅުވި ނަމަ ތާވަލްގެ އެއްވަނައިގައި އުޅޭ އާސެނަލް އާ ދެމެދުއޮތް ޕޮއިންޓް ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވުނީހެވެ. މިހާރު އޮތްގޮތުން ސިޓީއަށް އާސެނަލް އާ އަރާ ހަމަކުރަން ފަސް ޕޮއިންޓް އަދި އެބައޮތެވެ.

ސިޓީގެ ހާލާންޑް އަތުން ބޯޅަ ހޯދުމަށް ސްޕާސްގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ-- ފޮޓޯ/ ސްޕާސް
ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 50 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅެނީ އާސެނަލެވެ. ތާވަލްގެ ދެވަނައިގައި 45 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އުޅޭއިރު، ތިން ވަނައިގައި އުޅެނީ 42 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑެވެ.
ތާވަލްގެ ހަތަރުވަނައިގައި 40 ޕޮއިންޓާއެކު ނިއުކާސަލް އުޅޭއިރު، 39 ޕޮއިންޓް ލިބިގެން ރޭގެ މެޗުން މޮޅުވި ސްޕާސް އުޅެނީ ތާވަލްގެ ފަސް ވަނައިގައެވެ.