ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގައި ކުޅުނު ފުރަތަމަ މެޗުގައި ކެލާ މޮޅުވިއިރު ހޯރަފައްޓާއި އުތީމު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެއްޖެއެވެ.
ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ހއ. ގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި ކެލާއިން ހއ. މާރަންދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ކެލާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ކުޅެ ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ކެލާގެ އަތޫފްގެ އެހީއާއެކު ޝަފަގް ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.
ކެލާ ޓީމުގެ ދެވަނަ ގޯލު ފެނުނީ ފުަރަތަމަ ހާފު ނިމެނެ ތިން މެނެޓަށް ވެފައިވަނިކޮށެވެ. މާރަންދޫ ޓީމުގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެ ގޯލު ކާމިޔާބުކުރީ ކެލާ ޓީމުގެ އަހުމަދެވެ.
ރޭ ކުޅުނު ހއ. ގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ހޯރަފުއްޓާއި އުތީމު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުވެގެންނެވެ.
އެ މެޗުގައި ހޯރަފުށީގެ ގޯލުތައް ޖެހީ ޔާމީންއާއި ރައުޝާންއެވެ. އަދި އުތީމުގެ ގޯލުތައް ޖެހީ އައިހަމްގެ އިތުރުން އިލްހާމްއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.