އެމްޑީޕީގެ ވިޕާ ޚިލާފުވުމުން އަލީ އާޒިމަށް ފިޔަވަޅު އަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުން މަޖިލީހުގައި ވޯޓު ނެގި ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނެރުނު ވިޕްލައިނާ ޚިލާފުވެފައި ވާތީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ފިޔަވަޅު ނަސޭހަތް ދީފިއެވެ.

ފިޔަވަޅު އެޅިކަމުގެ ސިޓީ ލިބުމުން އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އޭގައި ސޮއި ކުރި ތާރީޚު ކަމަށް ލިޔެފައި އޮތީ 16 ނޮވެމްބަރު 2022 ގެ ތާރީޚު ކަމަށެވެ.

"ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ވޯޓް ނުދިނުމުން އަޅުގަނޑު ކުރީ ކުށެއްކަމަށްބުނެ ފިޔަވަޅު އަޅައިފި. ސިޓީ ލިބުނީ ބަރަވެލި ދުވެލީގަ މިއަދު. ސޮއިކުރި ތާރީޚް ކަމަށް އޮތީ 16 ނޮވެމްބަރު 2022،" އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ ޕާޓީގެ ލީޑާޝިޕަށް ގަބޫލު ކުރެވޭ ފަދަ ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަކަށް އެދުމަކާ ނުލައި ތްރީ ލައިން ވިޕަށް ޢަމަލު ކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރިނުވުމަކީ ކުށެއް ކަމަށެވެ.

"އެހެންކަމުން ވިޕް ލައިނާ ޚިލާފު ނުވުމަށާއި ޕާލިމެންޓަރީ ގްރޫޕުން ނެރޭ ވިޕް ލައިނާއި އެއްގޮތަށް ވޯޓު ދިނުމަށް ތިޔަ އިއްޒަތްތެރި މެމްބަރަށް ނަސޭހަތްތެރިވަމެވެ،" އެ ސިޓީގައިވެއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު މަޖިލީހަށް ހުށަހެޅުއްވި ޓެކްސް ބޮޑުކުރާ ބިލް ފާސް ކުރުމަށް އެ ވަގުތު މަޖިލީހަށް ހާޒިރުވެ ތިބި 82 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ 14 މެންބަރުން ވޯޓް ދެއްވިއިރު އޭގެ ތެރޭގައި އާޒިމް ހިމެނެއެވެ.

comment ކޮމެންޓް