ރައީސްގެ މޫނަށް ކުޅުޖަހަން މުސްތަފާ ގޮވާލި މައްސަލަ ފުލުހުން ބަލަނީ

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޫނަށް ކުޅުޖަހާ މީހަކަށް 50،000 ރުފިޔާގެ އިނާމެއް ދޭނެކަމަށް ވިދާޅުވެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ޓްވީޓު ކުރެއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އޭނާ އެ ޓްވީޓް ކުރެއްވީ މިރޭގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، "ތިމަރަފުށި" ނަމުގައި ބޭނުންކުރާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަސް އައިސްފައި ވާކަމަށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މުސްތަފާއަކީ އެމްޑީޕީ މެމްބަރެކެވެ. އެ ޕާޓީގެ ޕްރައިމަރީގައި އޭނާ ތާއީދު ކުރީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށެވެ.

ދާދި ފަހުން ފުލުހުން ވަނީ، މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓްވީޓެއްގެ މައްސަލަ ވެސް ބަލަން ފަށާފައެވެ. އޭނާގެ ޓުވީޓުގައި ވަނީ ވަރަށް ހަރުކަށިކަމާއެކު ބަޔަކު ނިކުމެ މިހާރު އޮތް ވެރިކަން ނިންމަން ވެއްޖެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް