ރިޔާސީ އިންތިޚާބަށް ޖޭޕީން ގޮތެއް ނިންމުން މިމަހުގެ 24ގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް --

ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ގޮތެއް ނިންމުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ކައުންސިލް ޖަލްސާ މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ.

"ސަން"އަށް އިތުބާރުހުރި ފަރާތަކުން ކަށަވަރުކޮށްދިން ގޮތުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް ޖަލްސާ މިހާރު އޮތްގޮތުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ.

މީގެ ކުރިން "ސަން"އާ ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ޞާލިޙް ވެސް ވަނީ، އިންތިޚާބާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ވަކި ގޮތެއް މިމަހުގެ ފަހުކޮޅު ނިންމާނޭކަމަށް ވިދާޅުވެފައެވެ.

ޖޭޕީގެ ތަރުޖަމާން ވިދާޅުވެފައިވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު ޖަލްސާއަށް ތައްޔާރުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން ކަމަށެވެ. އެ ޖަލްސާގައި އެޕާޓީގެ އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ މެންބަރުންނާއި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ މީހުން ގިނަ ޕާޓީއެވެ. އެޕާޓީގެ ދަފުތަރުގައި ގާތްގަނޑަކަށް 18،000 މެމްބަރުން އެބަތިއްބެވެ.

އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިޚާބުގެ ތެރެއިން 2008އާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވިއެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ދެ އިންތިޚާބުގައި ވެސް ވޯޓު ލިބިފައެއް ނުވެއެވެ.

އެކަމަކު އެ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހެދުމަށް އެންމެ މުހިންމު ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އާ ގާނޫނު އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރު ވެސް އުފެދުނީ ޖޭޕީ ހިއްސާވާ ކޯލިޝަނަކުންނެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ގޮތެއް ނިންމުމަށް ޖުމްހޫރީ ޕާޓީން ތައްޔާރުވަމުންދާއިރު، މިހާރުވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކޯލިޝަނަކާއެކު ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނިކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް