ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގައި ވާދަކުރާ ސްކޫލުތަކުގެ ތަރުތީބު ހޮވައިފި

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފެށުމާއި ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ތަރުތީބު ހޮވައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމް މިއަދު "ސަން"އަށް ވިދާޅުވީ މިއަދު އޮތީ ސްކޫލު މަދަރުސާތަކުގެ މެދުގައި ގުރު ނެގުން ކަމަށެވެ. ނަމަވެސް އޮފީސް، ކުންފުނި، ކުލަބު އަދި ޖަމުއިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުރު ނެގުން އޮންނާނީ އަންނަ ބުދަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަހަރުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ. އޭގެ ފަހުން އަންނަ އާދިއްތަ ދުވަހުގެ ހަވީރު ބައިވެރިންގެ ވާހަކަދެއްކުން ފަށާނީ ދަށު ސާނަވީ ގިންތިންނެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފެށުމާއި ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިހާރު އެކެޑަމީގެ ފަރާތުން ވަމުންދަނީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެގޮތުން މި އަހަރުގެ މުބާރާތުގައި ސަމާލުކަންދޭން ޖެހޭނެ ކަންތައްތަކާ ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އެކެޑަމީގެ ފަރާތުން މުބާރާތުގެ ބައިވެރިންނަށް އިއްޔެ ވަނީ ބާއްވާފައެވެ.

އެ ސެޝަންތައް ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު ފުރަތަމަ ދަންފަޅި އޮތީ އިއްޔެ ހެނދުނު 09:00 އިން ފެށިގެން 11:00އަށެވެ. އެ ދަންފަޅީގައި ވަނީ ވާހަކަދެއްކުމުގައި ބައިވެރިންގެ އަޑާއި ރާގު، ބަހުގެ ގަވައިދާއި ހަމަތައް ބަހައްޓާނެ ގޮތުގެ މައުލޫމާތު ދެއްވާފައެވެ.

އިއްޔެގެ ދެވަނަ ދަންފަޅި އޮތީ 13:30 އިން ފެށިގެން 15:30އަށެވެ. އެ ދަންފަޅީގައި މައުލޫމާތުދެއްވީ ބައިވެރިންގެ ވާހަކަދެއްކުމުގެ އޮއްޓަރާއި ރޭވުން އަދި ވާހަކަދެއްކުންތެރިކަން ހުންނަން ޖެހޭ ގޮތުގެ މައްޗަށެވެ.

އެންމެ ފަހު ދަންފަޅީގައި، ވާހަކަދެއްކުމުގެ ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަން ހުންނަން ޖެހޭނެ ގޮތުގެ މައްޗަށް މައުލޫމާތު ދެއްވުމުގެ އިތުރުން ސުވާލުތަކަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެ ދަންފަޅި އޮތީ ރޭ 20:15 އިން 22:15އަށެވެ.

އިއްޔެ ބޭއްވި ދަންފަޅިތަކުގައި މައުލޫމާތު ދެއްވާފައިވަނީ މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމްއެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތެއްގެ ތެރެއިން --- ފޮޓޯ/ އެކަޑެމީ

މި އަހަރުގެ މުބާރާތް ބަހާލާފައި ވަނީ ހަތަރު ބަޔަކަށް ކަމަށް ވާއިރު ފުރަތަމަ ބަޔަކީ ސްކޫލްތަކުގެ ބަޔެވެ. ސްކޫލްތައް ބަހާލާފައިވަނީ ދަށު ސާނަވީ ގިންތި އާއި ސާނަވީ ގިންތި އާއި މަތީ ސާނަވީ ގިންތިއަށެވެ. ދަށު ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް ތިނެކެވެ. ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭ ހަތަރެކެވެ. އަދި މަތީ ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް ފަހެކެވެ.

މިފަހަރު ދަށު ސާނަވީގައި ޖުމުލަ 28 ސްކޫލަކުން 169 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މާލޭގެ 17 ސްކޫލަކާއި އަތޮޅުތެރޭގެ 11 ސްކޫލެއް ހިމެނެއެވެ. ސާނަވީ ގިންތީގައި ޖުމުލަ 25 ސްކޫލަކުން ބައިވެރިވެފައިވާއިރު ޖުމުލަ 155 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 16 ސްކޫލަކާއި އަތޮޅުތެރޭގެ ނުވަ ސްކޫލެކެވެ.

ހަމައެއާއެކު މަތީ ސާނަވީގެ ޖުމުލަ ހަތް ސްކޫލަކުން ބައިވެރިވެފައިވާއިރު ޖުމުލަ 36 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މަތީ ސާނަވީގައި ބައިވެރިވި ސްކޫލުތަކުގެ ތެރެއިން ހަތަރު ސްކޫލަކީ މާލޭގެ ސްކޫލްތައް ކަމަށްވާއިރު ތިން ސްކޫލަކީ އަތޮޅު ތެރޭގެ ސްކޫލްތަކެވެ.

ދެވަނަ ބަޔަކީ މަތީ ތައުލީމުގެ ބައެވެ. މި ބައިގައި ޔުނިވާސިޓީ، ކޮލެޖު ނުވަތަ އިންސްޓްޓިޓިއުޓް / އެކެޑަމީތަކަށް ބައިވެރިވެވޭނެއެވެ. ނަމަވެސް މި ބައިގައި އެކަށީގެންވާ ވަރަށް ބައިވެރިވެފައި ނުވާތީ މަތީ ތައުލީމުގެ ބައި ކުރިއަށް ނުގެންދާނެ ކަމަށް އެކެޑަމީގެ ނައިބު ރައީސް ޒުލްފާ ވިދާޅުވިއެވެ.

ތިންވަނަ ބަޔަކީ އަމިއްލަފަރާތްތަކުގެ ބައެވެ. މި ބައިގައި 18 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާތަކުގެ މީހުންނަށް ބައިވެރިވެވޭނެއެވެ. އެ ބައިގައި 18 އަހަރުން ދަށުގެ ތިން ކުދިންނާއި 18 އަހަރުން މަތީގެ ދެ މީހުން ބައިވެރިވެފައިވެއެވެ. ނަމަވެސް ޒުލްފާ ވިދާޅުވި އެ ބައިގައި ވެސް އެކަށީގެންވާ ވަރަށް މީހުން ބައިވެރިވެފައި ނުވާތީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމަށް ވިސްނުން ހުރި ކަމަށެވެ.

"މިހާރު ބައިވެރިވެފަ ތިބި ކުދިންނަށް ދޭނަން ފުރުސަތު މުބާރާތުގަ ބައިވެރިވާން. އެކަމު އެބަހުރި ވިސްނުން ބައިވެރިވާން ހުޅުވާލާ މުއްދަތު އިތުރުކުރަން،" އޭނާ ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު ވަނަ ބަޔަކީ އޮފީސް، ކުންފުނި، ކުލަބު އަދި ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައެވެ. މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް، ކުންފުނި، ކުލަބު އަދި ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިގައި ކުރިއަށްދާނީ ބަހުސް ކުރުމެވެ. މި ބައިގައި ހަ ޓީމަކުން ޖުމުލަ 33 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

އެކެޑަމީން ބުނީ މިފަހަރުގެ މުބާރާތަކީ އެންމެ ގިނަ އަދަދަކަށް ކުދިން ބައިވެރިވި މުބާރާތް ކަމަށެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ސްކޫލުތަކުން ޖުމުލަ 363 ދަރިވަރުން ބައިވެރިވެފައިވާއިރު މުޅި މުބާރާތުގައި ޖުމުލަ 411 ބައިވެރިން، ބައިވެރިވެއެވެ.

އެކެޑަމީން ބުނީ މި އަހަރުގެ މުބާރާތަކީ އަތޮޅުތެރޭގެ ގިނަ ސްކޫލުތަކުން ވެސް ބައިވެރިވާ މުބާރާތަަކަށްވާއިރު އެމީހުން މާލޭގައި ހުރުމުގެ ހުރިހާ ޚަރަދުތަކެއް ކުރަނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް މާ ގިނަ ދުވަހު މާލޭގައި މަޑުކުރަން ޖެހުމަކީ އެމީހުންގެ ވެސް ހުރި ކަންބޮޑުވުމެއް ކަމަށާއި އެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެކެޑަމީން ވަނީ ބުނެފައެވެ.

މި މުބާރާތުގައި އަލަށް ވާދަކުރާ ސްކޫލެއް ކަމަށްވާ ށ. މިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް އާދިލް މިއަދު "ސަން"އަށް ވިދާޅުވީ އެ ސްކޫލްގެ ދަރިވަރުން ދިވެހިބަހާ އަދަބިއްޔާތަށް ޝައުގުވެރިކުރުވައި ލޯބި ޖައްސަން ބޭނުންވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވި މައިގަނޑު ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފެށުމާއި ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނަމަވެސް ކުރަން ޖެހޭ ޚަރަދުތައް ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ކުރިއަށް ދިއުމަށް ރަށުގެ އެކި ފަރާތްތަކުގެ އެހީ ލިބޭ. އެގޮތުން ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ އިތުރުން ރަށުގެ އެހެން ފަރާތްތަކުގެ އެހީ އަޅުގަނޑުމެންނަށް ލިބޭ،" އޭނާ ވިދާޅުވިއެވެ.

ގައުމީ ވާހަކަދެއްކުމުގެ މުބާރާތަކީ ކާމިޔާބު މުބާރާތެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ގިނަ ސްކޫލްތަކުން ގިނަ އަދަދެއްގެ ކުދިން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް