އެގްރޯ ބޯޓާއެކު ރާއްޖޭގެ ދަނޑުވެރިކަމަށް އިންގިލާބެއް!

އެގްރޯ ބޯޓުގެ ޑިޒައިން / ފޮޓޯ: އެގްރޯނެޓް

ދަނޑުވެރިންގެ އުފެއްދުންތައް އަވަސްކަމާއި ފަސޭހަކަމާއިއެކު އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އިން ބޭނުން ކުރުމަށް ނިންމާފައިވާ އެގްރޯ ބޯޓުތަކުގެ ޑިޒައިންތައް ދައްކާލައިފިއެވެ.

އެގްރޯނެޓުން އަންނަނީ ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދަނޑުވެރިންނަށް ތަކެތި އުފެއްދޭނެ މަގުފަހި ކޮށްދީ، އެމީހުންގެ އުފެއްދުންތައް ބާޒާރުގައި މާކެޓް ވެސް ކޮށްދެމުންނެވެ.

ގިނަ ފަހަރު ރަށްރަށުން ދަނޑުވެރިކަމުގެ ބާވަތްތައް މާލެއާ ހިސާބަށް އަންނައިރު އެތަކެތީގެ ތާޒާކަން ގެއްލި ހަލާކުވާން ދިމާވެއެވެ. އެތަކެތި އާންމުކޮށް އުފުލައި އުޅެނީ ރާއްޖޭގައި ބޭނުންކުރާ މުދާ އުފުލާ ބޯޓު ފަހަރުގައެވެ.

މި ބޯޓުތަކުގައި ރައްކާތެރިކަމާއެކު ދަނޑުވެރިންގެ އުފެއްދުންތައް އުފުލޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމަކީ ދަނޑުވެރިންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

ނަމަވެސް އެއާ ޚިލާފަށް އެގްރޯނެޓުން ބަންނަން ފަށާފައިވާ ބޯޓުތަކަކީ ދަނޑުވެރިންގެ މިކަންބޮޑުވުމަށް ބޮޑު ހައްލެއް ގެނެސްދޭނެ ވަސީލަތެއް ކަމަށް އެކުންފުނިން ބުނެއެވެ. އެ ބޯޓުތަކުގެ ޑިޒައިން މިހާރު ދައްކާލާފައިވާއިރު، އެއީ 65 ފޫޓުގެ ފައިބަރގްލާސް ދެ އުޅަނދެވެ.

އެގްރޯ ބޯޓުގެ ޑިޒައިން / ފޮޓޯ: އެގްރޯނެޓް

މި ބޯޓުތަކަކީ ވަރަށް ޒަމާނީ ފެންވަރަކަށް ބަންނަ ރީތި އުޅަނދުތަކެކެވެ. މި ބޯޓުތަކުގައި ދަނޑުވެރިންގެ އުފެއްދުންތައް ތާޒާކަމާއެކު ރައްކާކުރެވޭނެ ނިޒާމްތަކާއި، ކާގޯ ކޮންޕާޓްމެންޓްސްތަކާއި، މުދާ ރައްކާކުރެވޭނެ ގެގަނޑުތައް ހުންނާނެއެވެ. އެގޮތުން މި ކާގޯ ކޮންޕާޓްމެންޓުތަކަކީ 18 ފޫޓު 6 ގެ އޭސީކޮށް ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައި ހުންނަ ތަންތަން ކަމަށް އެގްރޯ ނެޓުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރިންނަށް ނިދައި ކައިބޮއި އުޅެވޭ ގޮތަށް ކޮޓަރިތަކާއި ފާހާނާތައްވެސް ހުންނާނެއެވެ.

އެ ކުންފުނިން ބުނީ ބޯޓުތައް ބަންނަނީ ބޯޓުގެ ޑެކުގައި ސޯލާ ނިޒާމް ހަރުކޮށްގެން ކަމުން މޭވާއާއި ތަރުކާރީތައް ފިނިކުރުމަށް ބޭނުންކުރާނީ ސޯލާ ހަކަތަ ކަމަށެވެ. މި ނިޒާމާއެކު ކަރަންޓަށް ކުރާ ހޭދަ ބޮޑުތަކުން ކުޑަވެގެންދާނެއެވެ.

ޖަޕާނު ސަރުކާރުގެ މާލީ އެހީތެރިކަމާއިއެކު ހިންގާ މިމަޝްރޫއަށް ބޯޓުތައް ބަނުމަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދެނީ ޔޫއެންޑީޕީއިންނެވެ.

comment ކޮމެންޓް