ޖަރުމަން ބުންޑަސްލީގާގައި ރޭ ބޮރޫޝިއާ ޑޯޓްމުންޑާއި، ފްރެއިބާގް ބައްދަލުކުރި މެޗް ޑޯޓްމުންޑް ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އުއްމީދު އެޓީމް އާކޮށްފިއެވެ.
ޑޯޓްމުންޑްގެ ސިގްނަލް ޕާކުގައި ކުޅުނު މިމެޗް، ފްރެއިބާގެ މައްޗަށް އެޓީމް ކުރިހޯދީ ފަހެއް އެކެއްގެ ނަތީޖާއަކުންނެވެ. މެޗުގައި ޑޯޓްމުންޑަށް ގޯލް ހުޅުވާލަދިނީ 26 ވަނަ މިނެޓް ތެރޭގައި ސްކޮޓާބެކްއެވެ. މެޗުން ޑޯޓްމުންޑް ލަނޑެއް ޖަހާފައިވަނިކޮށް، ފްރެއިބާގްގެ ލޫކަސް ހޫލާ ވަނީ 45 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުން ދެވަނަ ފަހަރަށް ޑޯޓްމުންޑަށް ލީޑް ނަގައިދިނީ 48 ވަނަ މިނެޓް ތެރޭގައި ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަރިމް އަޑޭމީއެވެ. އޭގެ ދެ މިނެޓް ފަހުން ޑޯޓްމުންޑްގެ ޓެޑީ ހާލާ ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ތިނެއް އެކަކަށް ބަދަލުކޮށްފައެވެ.

ބުންޑެސްލީގާގައި މިރޭ ފްރެއިބާގް އާއި ޑޯޓްމަންޑް ބައްދަލުކުރިމެޗްގެ ތެރެއިން-- ފޮޓޯ/ޑޯޓްމުންޑް
މެޗުގައި ދެން ޑޯޓްމުންޑުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ޖޫލިއަން ބްރެންޑް އާއި އަލެހަންދްރޯ ރޭނާއެވެ.
މިމެޗުން ޑޯޓްމުންޑް މޮޅުވުމުން އެޓީމަށް ވަނީ 37 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނަ ލިބިފައެވެ. މެޗުން ބަލިވި ފްރެބާގް އުޅެނީ 34 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

ފްރެއިބާގް އަތުން މޮޅުވުމަށްފަހު ޑޯޓްމަންޑް ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ/ޑޯޓްމުންޑް
ޖަރުމަން ބުންޑެސްލީގާގައި މަދާމާ ބަޔާން މިއުނިކް ނިކުންނާނީ ވޮލްސްބާގްއާ ދެކޮޅަށެވެ. މިމެޗު ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 21:30 ގައެވެ.