އެންމެ ފަހުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ތިމަރަފުށި ބަލިކޮށް ގާފަރުން ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.
މިރޭ ހުޅުމާލެ ޓާފު ދަނޑުގައި ކުޅުނު އެ މެޗު ގާފަރުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ދެ ޓީމުން ވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ.
ނަމަވެސް މެޗުގެ 12 ވަނަ މިނެޓުގައި ގާފަރުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ސާމިން ތަނަވަސްކުރި ފުރުސަތަކުން އަޒްޔާން ކާމިޔާބުކުރި ގޯލެކެވެ.
އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގެ ހަތް ވަނަ މިނެޓުގައި ގާފަރުން ވަނީ މެޗުގެ ދެވަނަ ގޯލު ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ރިމާހު ފޮނުވާލި ބާރު ހަމަލާއަކުން ވަން ގޯލެކެވެ.
ދެވަނަ ހާފުގެ 10 ވަަނަ މިނެޓުގައި ވެސް އޭރިއާ ބޭރުން ރިމާހު ވަނީ ރީތި ގޯލެއް ޖަހައި ގާފަރަށް މެޗުގެ ތިން ވަނަ ގޯލު ޖަހައިދީފައެވެ. އެ ގޯލަކީ މާއިސް ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ގޯލްޑެން ފުޓްސަލް ޗެމްޕިއަންޝިޕް 2023 ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ މެޗު ގާފަރުން ކާމިޔާބުކުރުމުން ލިބުނު 25،000 ރުފިޔާގެ ފައިސާގެ އެހީ ވަނީ ސްޕެޝަލް އޮލިމްޕިކްސްއަށް ހަދިޔާކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ކުޅޭނީ މާދަމާ ރޭގައެވެ. މާދަމާ ރޭ ކުޅޭ މެޗުތަކުގައި ބައްދަލުކުރަނީ ހއ އަދި ހދ ގެ ޓީމުތަކެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޮޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.