އިދިކޮޅު ރިޔާސީ ޓިކެޓް ރައީސް ޔާމީން ނޫން މީހަކަށް ނުލިބޭނެ: ސައީދު

ދުއްޕާން ނަމުގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ސައީދު ވާހަކަ ދައްކަވަނީ --- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ރިޔާސީ ޓިކެޓް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ނޫން އިތުރު މީހަކަށް ނުލިބޭނެ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް އެ ކޯލިޝަނުން ނިންމާފައި އޮތް ނަމަވެސް އެމަނިކުފާނަށް ދާދި ފަހުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ހަރު އަޑުން ބުނަމުން ދަނީ އެ ކޯލިޝަނުގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށެވެ.

އެގޮތުން 'ދުއްޕާން' ނަމުގައި މިރޭ އިދިކޮޅު ކޯލިޝަނުން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ, ރައީސް ޔާމީން މިނިވަންވެގެން ވަޑައިގަންނަވަންދެން އެ ކޯލިޝަން ލީޑް ކުރެއްވުމުގައި ހުންނަވާނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ކަމަށާއި ހުރިހާ މެންބަރުން ވެސް ތިއްބެވީ އޭނާގެ ފަހަތުގައި ކަމަށެވެ.

"މި ޕާޓީގެ ރައީސް އަކީ ރައީސް ޔާމީން. މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް ދޫންޏެއް ބާޒެއް އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް ނުލިބޭނެ. އަޅުގަނޑުމެންގެ ޓިކެޓް ލިބޭނީ ރައީސް ޔާމީނަށް," ހަރު އަޑުން ސައީދު ވިދާޅުވިއެވެ.

ދުއްޕާން ނަމުގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ ދަހިވެތިކަމުގައި ބައެއް ބޭފުޅުން އުޅުއްވާކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

"އެ ބޭފުޅުން [ރިޔާސީ ޓިކެޓް ބޭނުންވާކަމަށް ބުނާ ބޭފުޅުން] އެ ވިދާޅުވަނީ ރައީސް ޔާމީންއޭ ވެރިކަމަށް ގެންނަން ބޭނުންވަނީ. އެ ނޫން ޗޮއިސެއް ބޭނުމެއް ނޫނޭ. ހެޔޮވެރިކަމުގެ ނިޒާމް މިގައުމުގައި ގާއިމް ކުރެއްވީ ރައީސް ޔާމީންއޭ. އެގަޓްހުރި އެ ހިތްވަރުހުރި އެ ކެރުންހުރި އެ ތަސައްވަރު އޮތް ލީޑަރަށޭ އަޅުގަނޑުމެން ތާއިދު ކުރަނީ. ވެރިކަން ބޭނުންވެގެނެއް ނޫނޭ މިތަނަށް އައިސް މިތިބެނީ," އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އަހުދުވެފައިވަނީ ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ, އެ މަސައްކަތް ނިންމާލާނީ ވެރިކަމަށް ރައީސް ޔާމީން ގެނައުމަށްފަހުގައި ކަމަށެވެ.

comment ކޮމެންޓް