ފަޅު ރަށެއްގައި ވެލާ ފަޅައިގެން ކައްކަން ތިއްބާ އަތުލައިގެންފި

ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ވެލާ ފަޅައިގެން އެއިން ތެޔޮކުނޑި ހާނަން މީގެ ކުރިން ބަޔަކު ތިބި ތަނުން ފެނުނު ބައެއްތަކެތި-- ފޮޓޯ: ޕޮލިސް

ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާ ހިފައި، އެ ފަޅައި ކައްކަން ތިބި ބަޔަކު އިއްޔެ އަތުލައިގެންފިއެވެ.

އެ ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބ. ކެޔޮދޫގައި ބަޔަކު ވެލާ ފަޅައިގެން ކައްކާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 16:38 ހާއިރުކަމަށެވެ.

ފުލުހުން އެ ރަށަށް ގޮސް ބަލަން ޖެހޭ ކަންކަން ބަލައި މައްސަލައިގެ ތަހުގީގު ހިންގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ވެސް އަންގައިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ކަމުގައި އީޕީއޭގެ ރަސްމީ ބަހެއް އަދި ލިބޭ ގޮތްވަނީ ނުވެފައެވެ.

ފަޅާފައި ހުރި ވެލާތައް-- ފޮޓޯ/ ޓުވިޓާ

މި ކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ވެލާ ކަހަނބު ހިފުމާއި އެޔަށް އެއްވެސް ކަހަލަ ގޯނާއެއް ކުރުމަކީ މަނާކަމެކެވެ.

ވެލާ ކަހަނބަކަށް ގޯނާއެއް ކޮށްފިނަމަ ގެއްލުން ދިނީ އެކައްޗަށް ނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޯނާ ކުރީ އެކައްޗަށް ވުރެ ގިނަ ވެލާ ކަހަނބަށް ނަމަ އިތުރުވާ ކޮންމެ އެއްޗަކަށް 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

comment ކޮމެންޓް