ސުޝްމިތާ ސެންގެ 'އާރިޔާ'ގެ ތިންވަނަ ސީޒަން ޓީޒާ ނެރެފި

ބަތަލާ ސުޝްމިތާ ސެން ފެނިގެންދިޔަ ފުރަތަމަ ވެބް ސީރީސް "އާރިޔާ"ގެ ތިންވަނަ ސީޒަންގެ ފުރަތަމަ ޓީޒާ ދައްކާލައިފިއެވެ.

މި ފަހަރުގެ ސީޒަންގައި ސުޝްމިތާ ސެން ފެނިގެންދަނީ ކުރީ ދެ ސީޒަނަށް ވުރެ ވެސް ވަރުގަދަކޮށް މުޅީން ތަފާތު ގޮތަކަށެވެ. "އާރިޔާ3"ގެ ޓީޒާ ޢާއްމުކުރުމަށްފަހު ސުޝްމިތާ ބުނެފައިވަނީ ފާއިތިވެދިޔަ ދެ ސީޒަންގައި އާރްޔާގެ ދިރިއުޅުން އުޅުނުކަމަށާއި ތިންވަނަ ސީޒަންއަކީ ބެލުންތެރިންގެ ފަރާތުން ލިބުނު ލޯބީގެ ނަތީޖާކަމުގައެވެ.

މި ސީރީސްއަކީ، ރާމް މަދްވާނީ ފިލްމްސްއާއި އެންޑެމޮލް ޝައިން ގުޅިގެން އުފައްދަމުން އަންނަ ވެބް ސީރީސްއެކެވެ.

ޑިޒްނީ ހޮޓް ސްޓާއިން ސްޓްރީމް ކުރަމުން އަންނަ ސީރީސް "އާރިޔާ" އެންމެ ފުރަތަމަ ދައްކަންފެށީ 2020ވަނަ އަހަރުއެވެ. ނިމިގެންދިޔަ ސީޒަންތަކުން ސުޝްމިތާ ފެނިގެންދިޔައީ އޭނާގެ ލޯބި ޢާއިލާއަށް ދިމާވާ ނުރައްކާތަކުން ސަލާމަތްކުރުމަށް އެފަދަ ގޭންގުތަކާ ކުރިމަތިލާ ހިތްވަރުގަދަ ކެރޭ މަންމައެއްގެ ރޯލުންނެވެ.

ޢާއިލާއަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވާން ވެސް ތައްޔާރަށް ހުރި ޖެހިލުންކުޑަ އަންހެނެއްގެ ރޯލުން ސުޝްމިތާ ފެނިގެންދިއުމުން ގިނަ ބައެއްގެ ތަޢުރީފު ބަތަލާއަށް ލިބިގެންދިޔައެވެ. ސުޝްމިތާ ސެންގެ އިތުރުން ބޮޑު ކާސްޓެއް ފެނިގެންދިޔަ މި ވެބް ސީރީސްގެ ފުރަތަމަ ސީޒަން ވަނީ އެ އަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑްސްއަށް ވެސް ނޮމިނޭޓްވެފައެވެ.

"އާރިޔާ"ގެ އުފެއްދުންތެރިން ކަމަށްވާ ރާމް މަދްވާނީ، ވިނޯދް ރާވަތް އަދި ސަންދީޕް މޯދީ ޤަބޫލުކުރާގޮތުގައި ބަތަލާ ސުޝްމިތާ ސެންއަކީ މިސީރީސް ބެލުންތެރިންގެ މެދުގައި މަޤުބޫލުވުމުގެ ފަހަތުގައިވާ ފަރާތެވެ.

ފާއިތުވި ދެ ސީޒަންގެ ކާމިޔާބީއަށްފަހު އެއަށްވުރެ ކާމިޔާބު ސީޒަނަކަށް 3ވަނަ ސީޒަން ވެގެންދާނެކަމަށް ޤަބޫލުކުރާކަމަށް "އާރިޔާ"ގެ ޑައިރެކްޓު ކުރުމުގެ ޒިންމާ ވެސް ނަގާފައިވާ މިތިން ފަރާތުންވަނީ ބުނެފައެވެ.

comment ކޮމެންޓް