އާދިއްތަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްތައް ޑިޖިޓަލައިޒް ވާނެ

މާލެ/ހުޅުމާލެ ހައިވޭއިން ބަޔަކު މާލެ އަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްތައް ދިނުން ޑިޖިޓަލައިޒް ވެގެން ދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ޚިދުމަތް ޑިޖިޓަލްކޮށް ދިނުމަށް ނިންމީ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި އަލަށް ފަރުމާކުރެވުނު އާ ސޮފްޓްވެއާ އާއެކު، އާދިއްތަ ދުވަހުން ފެށިގެން ޑިިޖިޓަލް ލައިސެންސް ކާޑު ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ދުވަހުން ފެށިގެން ފުލުހުންގެ އެޕްލިކޭޝަނުން ފެންނަ އެ މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބަލައިގަތުމަށް އަންގާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އެ އެޕްލިކޭޝަނުން ފެންނަ ލައިސަންސަކީ މުއްދަތު ހަމަނުވާ ލައިސަންސެއް ނަމަ އެއީ ސައްހަ ލައިސެންސެއް ކަމަށް ބަލައިގަތުމަށް ވެސް އަންގާފައިވާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. އެ ޚިދުމަތް ހުއްޓާލާފައިވަނީ މިނިސްޓްރީގެ ސޮފްޓްވެއާގައި ހިމެނޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާ ބެހޭ ޚިދުމަތުގެ ޑޭޓާ މައިގްރޭޝަންގެ މަސައްކަތަށް ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަލަށް ތައާރަފު ކުރެވޭ ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށް ކަމަށެވެ. އަދި، ލައިސަންސް ދޫކުރެވޭނީ ވެސް ޑިޖިޓަލް ކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީ ވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެ ކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީން ބުނީ އެ ބަދަލާ ގުޅިގެން މިހާރު ޕްރިންޓު ކުރުމަށް ކުރަމުން ގެންދާ ހޭދަ ކުޑަވެގެން ދާނެ ކަމަށެވެ. އަދި ޑިޖިޓަލް ކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މަސައްކަތަކީ މިނިސްޓަރު އައިޝަތު ނަހުލާ ވަރަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތަކީ މިނިސްޓްރީގެ ވަރަށް މަދު މުވައްޒަފުންކޮޅަކާ އެކު ކުރަމުން އަންނަ ވަރަށް މުހިއްމު މަސައްކަތެއް ކަން ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

އެ މިނިސްޓްރީން ބުނީ އެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވުމާއެކު ރައްޔިތުންނަށާއި ތަންފީޒީ އިދާރާތަކަށް ވެސް އެތައް ގޮތަކުން ފަސޭހަ ވެގެން ދާނެ ކަމަށެވެ.

ކިއުގައި ނުޖެހި ޚިދުމަތް ފޯރުކޮށްދިނުމަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވައުދުފުޅެކެވެ.

comment ކޮމެންޓް