މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރަށްވުރެ ހަރުކަށި އަދަބު ދޭން ޖެހޭ: ޚުތުބާ

ހުކުރު ނަމާދެއްގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގައި ބުނީ އިސްލާމްދީނުގައި އިންސާނާގެ ބުއްދިއަށް ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށާއި މަސްތުވާތަކެއްޗަކީ މީހާ ހަމަބުއްދި އާއި ހެޔޮ ވިސްނުމުން އެއްކިބާ ކުރާ އެއްޗެއް ކަމަށެވެ.

"މަސްތުވާތަކެތި ބޭނުންކުރުމުން ސިކުނޑިއަށް ލިބޭ ގެއްލުމަކީ އަލުން ފޫ ބެއްދޭ ވަރުގެ ގެއްލުމެއް ނޫން. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލެވުނު ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ވެސް އެއާ ދިމާއަށް ދިއުމަކީ އެކަށީގެންވާ ކަމެއް،" ޚުތުބާގައި ބުންޏެވެ.

މިއަދު މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާ އަކީ މަސްތުވާތަކެތީގެ ވަބާ ކަމަށާއި އޭގެ ސަބަބުން މުޖުތަމައުގައި ކުށްތަކަށް އަރައިގަތުން ގިނަވެ އިތުރު މައްސަލަތައް ވެސް އުފެދޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނިގޮތުގައި މަސްތުވާތަކެތީގެ ވަބާ އަކީ މުޅި އިންސާނިއްޔަތަށް ވެސް ހުރި ބޮޑު ނުރައްކަލެކެވެ. އަދި އެކަން ރާއްޖޭގައި ވެސް އާއްމުވެފައިވާ ކަމަށާއި ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު މަސްތުގެ ވަބާގައި ޖެހިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ އިސްލާމްދީނުގައި އެހެން މީހުންނަށް ގެއްލުން ދިނުމަށާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުން ހަރާމް ކުރައްވާފައިވާ ކަމަށާއި މަސްތުގެ ވަބާގެ ތެރެއަށް ވަނުމަކީ އެ ދެކަމުގެ ވެސް އަޒާބު ލިބޭނެ ކަމެއް ކަމަށެވެ.

މަސްތުވާތެކެތީގެ ނުރައްކާ ބޮޑުވެގެން އެއާ ދެކޮޅަށް ހަނގުރާމަ ކުރަނީ ހަމައެކަނި މުސްލިމު ގައުމުތަކެއް ނޫން ކަމަށާއި ވަރަށް ގިނަ ޣައިރު މުސްލިމު ގައުމުތަކުގައި ވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އުގޫބާތް ދޭ ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންކަމުން ރާއްޖޭގައި ވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ މިހާރު ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އެ ވަބާ މުޖުތަމައުން ފޮހެލުމަށް ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އެންމެން އެކުވެގެން ގިނަގުނަ މަސައްކަތްތަކެއް މިހާރު ކުރަން ޖެހޭ ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމަކީ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި އެ ވަބާއިން ސަލަމާތްވުމަށް ވަރުގަދަ އަޒުމަކާއެކު ކުރިމަތިލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް