ރާއްޖޭގެ ރަސްމީ ރިޒާވް 827.7 މިލިއަން ޑޮލަރަށް އަރައިފި

ރާއްޖޭގެ މަރުކަޒީ ބޭންކް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 827.7 މިލިއަން ޑޮލަރަށް އަރައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރާއްޖޭގެ އިގުތިސާދާ ގުޅޭގޮތުން މިއަދު ނެރެފައިވާ "އިކޮނޮމިކް އަޕްޑޭޓް" ޖެނުއަރީމަހުގެ އަދަދުގައި ބުނެފައިވަނީ، މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވް، ނުވަތަ މަރުކަޒީ ބޭންކްގައި ބޭރު ފައިސާއިން ހުންނަ ރިޒާވް 827.7 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ.

މިއީ އަހަރުން އަހަރަށް ބަލާނަމަ ތިނެއް އިންސައްތައިގެ ކުރިއެރުމެކެވެ. މަރުކަޒީ ބޭންކްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 805.8 މިލިއަން ޑޮލަރެވެ.

މަހުން މަހަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ ރަސްމީ ރިޒާވްއަށް ވަނީ ވަރަށްބޮޑު ކުރިއެރުމެއް ލިބިފައެވެ. މަރުކަޒީ ބޭންކްގެ ރިޕޯޓްގައިވާގޮތުން ނޮވެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 604.2 މިލިއަން ޑޮލަރުގައެވެ.

ޑިސެމްބަރު މަހު ރަސްމީ ރިޒާވްއަށް ވަނީ، 223.5 މިލިއަން ޑޮލަރު ވަދެފައެވެ. އެހެންކަމުން މިއީ 37 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ގްރޮސް އިންޓަނޭޝަނަލް ރިޒާވް، ނުވަތަ މަރުކަޒީ ބޭންކްގައި ބޭރު ފައިސާއިން ހުންނަ ރިޒާވް 827.7 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ޓޫރިޒަމްވެސް ވަނީ ވަރަށްބޮޑަށް ކުރިއަރަން ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެކަނިވެސް ރާއްޖެއަށް ވަނީ 184،051 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ.

މަރުކަޒީ ބޭންކުން ބުނީ ޓޫރިޒަމްގެ އިތުރުން މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ރާއްޖެއިން މަހުގެ ބާވަތްތައް ބޭރުކުރި އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ ބާވަތްތައް ވެސް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.

އިގުތިސާދީ މާހިރުން ވިދާޅުވާގޮތުގައި ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، ރާއްޖޭގެ އެކްސްޕޯޓް މަހަކަށްވުރެ މަހެއް އިތުރުވަމުންދާނަމަ އެއީ ރާއްޖޭގެ އިގުތިސާދަށް އޮތް ހެޔޮ ފާލެކެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް މަރުކަޒީ ބޭންކްގެ ތަފާސްހިސާބުތަކުން ދައްކާއިރު، ފިނޭންސް މިނިސްޓްރީން ދާދި ފަހަކުން ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ.

comment ކޮމެންޓް