މަގު ކޮނުމުގެ ފީ ބޮޑުކުރި އުސޫލު ބާތިލުކުރަން ހައިކޯޓަށް

ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލުން ހެދި މާލޭ ސިޓީގެ މަގުމަތީގެ މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތުކުރުމާ ބެހޭ އުސޫލު ބާތިލު ކުރަން ސްޓެލްކޯގެ ފަރާތުން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

އެކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަގު ކޮނުމުގެ ފީ ބޮޑުވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން އުސޫލެއް ހަދާފައިވަނީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ކަމަށެވެ. އެހެންވެ، އެ ދެ އުސޫލު ބާތިލް ކުރުމަށް މިއަދު ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކުންފުނީގެ ފަރާތުން ވަނީ މި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން، އެ އުސޫލުތަކަށް އަމަލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް ވެސް އެދިފައެވެ.

އިއްޔެ އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވެސް ވަނީ އެ ދެ އުސޫލަކީ ބާތިލު ދެ އުސޫލު ކަމަށް ތުހުމަތު ކުރައްވާ، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސިޓީ ކައުންސިލުން އެ އުސޫލު އެކުލަވާލައިފައިވަނީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ވެސް މަޝްވަރާ ކުރުމެއްނެތި ކަމަށެވެ.

"މިފަދަ އުސޫލުތައް ކަނޑައަޅާއިރު އާންމުންނަށް އެއަށް ޢަމަލުކުރަން ފަށަން ދުވަސްކޮޅެއް އެބަދޭ. ގްރޭސް ޕީރިއަޑެއް ނިމުނީމަ ދެން އަމަލު ކުރަން ފަށަނީ. އެފަދަ އެއްވެސް ކަމެއް ވެސް މިކަމުގައި ކޮށްފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އާންމު ކުރި އުސޫލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރައްޔިތުންގެ ޖީބަށް ކަމަށެވެ. އެއީ މަގުމަތީގައި ކުރާ މަސައްކަތްތަކަށް ނަގާ އަގު ބޮޑުވުމުންނެވެ. އޭގެ މިސާލެއްގެ ގޮތުގައި ޝަރީފު ފާހަގަ ކުރެއްވީ ހ. މިސޫރީ ގޭގެ އެންމެ ތިރީ ފަންގިފިލާގެ މަގު ކޮނުމަށް ކުރިން ނަގާ ރޭޓުތަކަށާއި މިހާރު ނަގާ ރޭޓުތަކަށެވެ.

ކުރިން އެތަނުގެ މަގު ކޮނުމުގެ ޖުމްލަ އަގެއްގެ ގޮތުގައި 31،741 ރުފިޔާ ހޭދަވާއިރު، މިހާރު ހޭދަވާނީ 80،510.68 ރުފިޔާއެވެ. މިއީ ކުރިއާ އަޅާ ބަލާއިރު 154 އިންސައްތައިގެ ބޮޑު ވުމެކެވެ.

comment ކޮމެންޓް