ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް އެވޯޑް އަނެއްކާވެސް ދިރާގަށް

އޫކްލާ އެވޯޑު

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓް ހަދާ ކުންފުނި، "އޫކްލާ"އިން ހޮވާ ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކްގެ އެވޯޑު އަނެއްކާވެސް ދިރާގަށް ލިބިއްޖެއެވެ.

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން ދައްކާގޮތުގައި ދިރާގުން ވަނީ 2022 ވަނަ އަހަރުގެ އެންމެ ހަލުވި ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ.

ދިރާގުން ވަނީ މި އެވޯޑު 2021 ވަނަ އަހަރުވެސް ހޯދާފައެވެ.

އެ އެވޯޑް ލިބުމާ ގުޅިގެން ދިރާގުން ބުނީ، މި އެވޯޑަކީ އެ ކުންފުނީގެ ދިގު ޚިދުމަތުގެ ތާރީޚުގައި ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ އެ ފަރާތްތަކަށް މި ބިނާކުރަމުންދާ "ޑިޖިޓަލް ފިއުޗާ"އަށް ތައްޔާރުވުމަށް ކޮށްދެމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޯބައިލް 4ޖީ ކަވަރޭޖް ފުޅާކޮށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދެނީ ދިރާގުން ކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ، ބާރުވެރި ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް