އޭއެފްސީގެ އެކްސްކޯއަށް އެފްއޭއެމްގެ ރައީސް، ބައްސާމް އިންތިޚާބުކޮށްފި

ބައްސާމް (މ) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ) އާއި އޭއެފްސީގެ ރައީސް ޝޭހް މުހައްމަދު ބިން ސަލްމާންއާ އެކު.

އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގަ ބެލެނިވެރިފަރާތް ކަމަށްވާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމަށް ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިޚާބުކޮށްފިއެވެ.

ބައްސާމް އެ ކޮމިޓީއަށް އިންތިޚާބުވީ މިއަދު އޭއެފްސީގެ 33 ވަނަ ކޮންގްރެސްގައި ބޭއްވި އިންތިޚާބެއްގައި 47 ގައުމަކާ ވާދަކޮށްގެންނެވެ. ބަހްރެއިންގައި ކުރިއަށް ދިޔަ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އިންތިޚާބުގައި ބައްސާމާއި އެކްސްކޯގެ މެމްބަރުން އިންތިޚާބުކޮށްފައި ވަނީ 2027ގެ ނިޔަލަށެވެ.

މި ކޮންގްރެސްގައި އޭއެފްސީގެ ރައީސަކާއި ފަސް ޒޯނަކަށް ބަހާލައިގެން އޭއެފްސީގެ ނައިބު ރައީސުންނާއި ފީފާގެ ހަ ކައުންސިލް މެމްބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ކޮމިޓީއަށް ބައްސާމް އިންތިޚާބުވިކަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންވެސް ހާމަކޮށްފައިވާއިރު، އޭނާ ފުޓުބޯޅަ ކެރިއަރު ފަށާފައިވަނީ 2003 ވަނަ އަހަރު ކްލަބް ވެލެންސިއާގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.

އެއަށްފަހު އޭނާ ވަނީ ފުޓުބޯޅައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ފަށައި ފާއިތުވީ އަހަރުތަކުގެ ތެރޭގައި ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ދެމެދު ވެލެންސިއާގެ އެޑްމިނިސްޓްރޭޓަރުގެ ގޮތުގައި އުޅުމަށްފަހު، 2013 ވަނަ އަހަރު އެ ކުލަބުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފައިވެއެވެ.

އެފްއޭއެމްގެ މަގާމަކާ ބައްސާމް އެންމެ ފުރަތަމަ ހަވާލުވީ 2015 ވަނަ އަހަރުއެވެ. އޭރު އޭނާ ފުރުއްވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން އޭނާ ވަނީ އެފްއޭއެމްގެ ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުކަން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު ވަނީ ކުރައްވާފައެވެ.

ބައްސާމް މި މަގާމަށް އިންތިޚާބުކޮށްފައި ވީނަމަވެސް މިފަހުން އެފްއޭއެމް ވަނީ މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އަދި ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަނާ ދެކޮޅަށް ފައިސާއާ ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

އޭއެފްސީ އަކީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާގެ ދަށުން އޮންނަ ބައްރުތަކުގެ ފެޑެރޭޝަންތަކުގެ ތެރެއިން އެންމެ ބޮޑު ފެޑެރޭޝަނެވެ. އެގޮތުން ފީފާގެ މެމްބަރު 211 ގައުމުގެ ތެެރެއިން، 47 ގައުމު ނިސްބަތްވަނީ އޭއެފްސީއަށެވެ.

comment ކޮމެންޓް