މިދިޔަ އަހަރުގެ ފަހު ކުއާޓަރު: އެމްޓީޑީސީގެ ސާފު ފައިދާ 12.5 މިލިއަން ރުފިޔާގައި

ހދ. ނާގޯށި ތަރައްގީކުރުމަށް އެމްޓީޑީސީއާ އަލުން ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 12.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީޑީސީން ނެރެފައިވާ 2022 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، މި މުއްދަތުގައި ޓޫރިޒަމް ވިޔަފާރިކޮށްގެން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ، 811،777 ޑޮލަރު ލިބިފައެވެ. ދިވެހި ފައިސާއިން ބަލާނަމަ މިއީ 12.5 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ އެންމެ ފަހު ތިން މަސް ދުވަހު އާމްދަނީގެ ގޮތުގައި އެމްޓީޑީސީއަށް 1.8 މިލިއަން ޑޮލަރު (28.2 މިލިއަން ރުފިޔާ) ލިބިފައިވާއިރު، ޖުމްލަ ފައިދާ އުޅެނީ 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ގައެވެ. މި މުއްދަތުގެ ތެރޭގައި ވިޔަފާރި ހިންގައިގެން 928،139 ޑޮލަރު ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 955،032 ޑޮލަރު، ނުވަތަ 14.7 މިލިއަން ރުފިޔާއެވެ.

އެމްޓީޑީސީން ނެރެފައިވާ އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި އެކުންފުންޏަށް 7.3 މިލިއަން ޑޮލަރު (113.2 މިލިއަން ރުފިޔާ) ވަނީ ލިބިފައެވެ. ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، 2.9 މިލިއަން ޑޮލަރު (46.1 މިލިއަން ރުފިޔާ ލިބިފައެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީބަޔާނުގެ ބައެއް އުސްއަލިތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ދަރަނީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ 13.5 މިލިއަން ޑޮލަރު އެބައޮތެވެ. މީގެ އިތުރުން ކުއްޔަށް ނަގާފައިހުރި ރަށްތަކުން ކުލީގެ ގޮތުގައި 22.4 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އެހެންކަމުން އެމްޓީޑީސީން މިހާރުވެސް ސަރުކާރަށް ދައްކަންޖެހޭ އަދަދު، ދިވެހި ފައިސާއިން ބަލާނަމަ 554.2 މިލިއަން ރުފިޔާއަށް އަރާކަމަށް އެކުންފުނީގެ މާލީހިސާބުތަކުން ދައްކައެވެ.

އެމްޓީޑީސީގެ ވިޔަފާރީގެ ހަރަކާތްތަކަށް ބަލާއިރު، މިދިޔަ ކުއާޓަރުގެ ނިޔަލަށް ރިސޯޓުގެ ގޮތުގައި ކިހަވައް ހުރަވަޅި އާއި މަގޫދުވާ ހިންގަމުން އަންނައިރު، ހދ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ނާގޯށީގެ މަސައްކަތް އަންނަނީ މިހާރުވެސް ކުރަމުންނެވެ.

ހދ. ނާގޯށި

އެމްޓީޑީސީން ނާގޯށި ތަރައްގީކުރުމަށް މަސައްކަތްކުރަމުން އަންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެކުންފުނިން ބުނީ ނާގޯށީގެ 40 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2007 ވަނަ އަހަރެވެ. ނާގޯށީގައި 600 އެނދުގެ ރިސޯޓެއް އެޅުމަށް އެންމެ ފުރަތަމަ އެމްޓީޑީސީން އެރަށް ހަވާލުކުރީ ރަޝިއާގެ ކުންފުންނެއް ކަމަށްވާ ތްރީކޭ އާއެވެ.

ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ތްރީކޭއަށް އެރަށް ތަރައްގީ ނުކުރެވުމުގެ ސަބަބުން 2016 ވަނަ އަހަރު އެމްޓީޑީސީން ވަނީ، އެކުންފުންޏާއެކު އޮތް އެއްބަސްވުން އުވާލާފައެވެ. ތްރީކޭއިން އެހާތަނަށް އެރަށަށް 40 މިލިއަނެއްހާ ޑޮލަރު ހަރަދުކުރިއިރު، ނިމިފައި ވަނީ މަސައްކަތުގެ 26 އިންސައްތައެވެ.

އެމްޓީޑީސީއަށް ނާގޯށި ތަރައްގީ ނުކުރެވިގެން މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން އެރަށް ނަގާފައިވެއެވެ. ސަރުކާރުން އެންމެ ފަހުން އެމްޓީޑީސީއަށް ނާގޯށި ދީފައިވަނީ 2020 ވަނަ އަހަރެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިހާރު ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންގެންދަނީ ދުބާއީގެ ރޯ ގަލަދާރިއާ ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނިން ނާގޯށި ތަރައްގީކުރަނީ އެމްޓީޑީސީއާ ގުޅިގެންނެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމުގެ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެމްޓީޑީސީ ވުޖޫދަށް އައިތާ 16 އަހަރު ފާއިތުވެގެންދިޔައިރު، ސަރުކާރުން އެ ކުންފުނި އުފެއްދި ހަގީގީ މަގުސަދު ހާސިލްވަމުން ނުދާކަމުގެ ވާހަކަ ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުން ފާހަގަކުރެއެވެ.

comment ކޮމެންޓް