ނަމާދުކުރަން ތިބޭ މުސްލިމުން މެރުމަކީ އިސްރާއީލުގައި ވެސް ނުހިންގާވަރުގެ ޖަރީމާއެއް: ޕާކިސްތާނު

ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު ޢާސިފު

އިސްލާމް އާބާދު (1 ފެބްރުއަރީ 2023): މުސްލިމުންގެ ނަމުގައި އުޅޭ ހަރުކަށި ފަރާތްތަކުން މިސްކިތްތަކުގައި ބޮންގޮއްވައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް އަޅުކަންކުރަން ތިބޭ މުސްލިމުން މެރުމަކީ އިސްރާއީލާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެސް މުސްލިމުންނާ ދެކޮޅަށް ނުހިންގާފަދަ އަނިޔާވެރި ޖަރީމާތަކެއް ކަމަށް ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވަޖާ މުހައްމަދު ޢާސިފް ސިފަކުރައްވައިފިއެވެ.

އޭނާ މިހެން ވިދާޅުވީ ޕާކިސްތާނުގެ ސަރަހައްދެއް ކަމަށްވާ ޕިޝާވަރުގެ މިސްކިތެއްގައި މިދިޔަ ހޯމަ ދުވަހު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި އެ މިސްކިތުގައި ނަމާދުކުރަން ތިބި މީހުންގެ ތެރެއިން ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ އެހާ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ އެ މިސްކިތުގެ ފުރާޅު ވެއްޓި މިސްކިތް ވަރަށް ބޮޑަށް ހަލާކުވި ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ.

މި ހާދިސާގައި މަރުވި ސަތޭކަ މީހުންގެ ތެރެއިން ގިނަމީހުންނަކީ ޕާކިސްތާނުގެ ފުލުހުންނެވެ. މި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ބިރާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕާކިސްތާނުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ދިފާއީ ވަޒީރު ޚަވާޖާ އާސިފު ވިދާޅުވީ އަޅުކަންކުރަންތިބޭ މީހުންނާއެކު މިސްކިތްތައް ގޮއްވާލާ މީހުން ޕާކިސްތާނުގައި ތިބުމަކީ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން ޕާކިސްތާނު ވަރަށް ބޮޑަށް ލަދުވެތިވާންޖެހޭ ކަމެކެވެ.

އޭނާ ވިދާޅުވިގޮތުގައި އިންޑިއާ އާއި އިސްރާއީލުގައި ވެސް މީހުން ނަމާދަށް ތިއްބައި މިސްކިތްތަކަށް ހަމަލާދީ އެތަންތަން ނުގޮއްވައެވެ. އަދި އަޅުކަން ކުރަން ތިބޭ ވަގުތު ބޮންގޮއްވައިގެން މީހުން ނުމަރައެވެ. ނަމަވެސް އެކަންކުރާ ބަޔަކު ޕާކިސްތާނުގައި އެބަތިއްބެވެ. މިއީ ލަދުވެތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގާ ތަކްފީރީ ވިސްނުމުގެ ހަރުކަށި ސުންނީން އެ ދެ ގައުމުގެ ބައިމަދު ޝިޔައީންގެ މިސްކިތްތައް ގޮއްވައި ނަމާދުކުރަން ތިއްބައި މީހުން މެރުމަކީ ވަރަށް ގިނައިން ހިންގާ ޖަރީމާއެކެވެ.

ޕާކިސްތާނުގައި ސަރުކާރާ ދެކޮޅަށް ބަޣާވަތް ކުރާ ތާލިބާން ޖަމާއަތަކީ މިފަދަ ތަކްފީރީ ވިސްނުމުގެ ހަރުކަށި ސުންނީ ޖަމާއަތެކެވެ. ޕިޝާވަރުގެ މިސްކިތް ގޮއްވާލި ޖަރީމާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގެ ތާލިބާން ޖަމާއަތާ ގުޅިގެންއުޅޭ ހަރުކަށި ކުޑަ ޖަމާއަތެއްކަމަށްވާ "ޖަމާއަތުލް އަހްރާރް" އިންނެވެ.

އެ ޖަމާއަތުގެ ވެރިޔާ މުކައްރަމް ޚުރާސާނީ ބުނެފައިވާ ގޮތުގައި ޕިޝާވަރުގެ މިސްކިތް ގޮއްވާލީ އެ ޖަމާއަތުގެ ކުރީގެ ލީޑަރު އުމަރު ޚާލިދު ޚުރާސާނީ، ޕާކިސްތާނުގެ ފުލުހުންގެ އަތް ދަށުން މަރުވެފައިވާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުންނެވެ. ބޮންގޮއްވާލި ޕިޝާވަރުގެ މިސްކިތަކީ ޕާކިސްތާނުގެ ފުލުހުން ވަރަށް ގިނައިން އަރާ މިސްކިތެކެވެ. އެއީ ޝިޔައީންގެ މިސްކިތެއްކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ.

އާންމުގޮތެއްގައި ހަރުކަށި ތަކްފީރީ ސުންނީ ޖަމާއަތްތަކުން ބޮންގޮއްވަނީ ޝިއައީންގެ މިސްކިތްތަކުގައެވެ. ޝިޔައީންނަކީ ކާފަރުން ކަމަށް ބުނެއެވެ. ޝިޔައީން ނޫނަސް ސުންނީންގެ ތެރެއިންވެސް މިފަދަ ޖަމާއަތްތަކާ އިިދިކޮޅު ފަރާތްތަކަކީ ކާފަރުން ކަމަށް އެ މީހުން ސިފަކުރެއެވެ. އެފަދަ މީހުންނަށް ތަކްފީރީންނޭ ކިޔަނީވެސް މިހެންވެއެވެ. އައިއެސް ޖަމާއަތުގެ ޓެރަރިސްޓުންނަކީ ވެސް މިސްކިތްތައް ގޮއްވައި ނަމާދުކުރާ މީހުން މެރުމުގެ ޖަރީމާތައް ވަރަށް ގިނައިން ހިންގާ ބައެކެވެ.

މިސްކިތްތައް ގޮއްވުމަކީ އެޖަމާއަތުން ކުރާކަމެއް ނޫންކަމަށާއި ޕިޝާވަރުގެ މިސްކިތް ގޮއްވާލުމުގައި އެއްވެސް އަތެއް ނޯންނާނެ ކަމަށް ޕާކިސްތާނުގެ ތާލިބާނުންގެ ޖަމާއަތުންވަނީ ބުނެފައެވެ.

ނަމަވެސް ޕިޝާވަރުގެ މިސްކިތް ގޮއްވާލުމުގެ ޒިންމާނެގި "ޖަމާއަތުލް އަހްރާރް" އަކީ ޕާކިސްތާނުގެ ތާލިބާނުންގެ ޖަމާއަތާ ގުޅިފައިވާ ޖަމާއަތަކަށްވެފައި މި ޖަރީމާއާ ގުޅިގެންވެސް އެ ޖަމާއަތާ ގުޅުންކަނޑާލުމަށް ޕާކިސްތާނުގެ ތާލިބާން ޖަމާއަތުން ނިންމާފައިނުވާތީ ތާލިބާނުންގެ ވާހަކަތަކުގައި އެއްވެސް ބުރަދަން ނެތް ކަމަށް ވަނީ ބެލެވިފައެވެ. ޕިޝާވަރުގެ މިސްކިތް ގޮއްވާލުމުގެ ޖަރީމާގައި އެ ތަނުގެ ސީލިންގް ވެއްޓުމުގެ ސަބަބުން އެބައިތަކުގެ އަޑީގައި ތާށިވެގެންވެސް އެތައް ބަޔަކުވަނީ މަރުވެފައެވެ.

ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފު ވިދާޅުވިގޮތުގައި ދިނީ ހަރުކަށިކަމުގެ އޮތް ޕާކިސްތާނުގައި އިންދީ 1980ވަނަ އަހަރު ކުރީގެ ސޮވިއެޓް ޔުނިޔަންގެ ސިފައިން އަފްޣާނިސްތާނަށް އެރުމުން އެކަމާދެކޮޅަށް ދީނީ ހަރުކަށި ވިސްނުމުގެ މީހުން ޖިހާދީންގެ ގޮތުގައި ރެކްރޫޓްކޮށް އެ ހަރުކަށި މީހުން ބޭނުންކޮށްގެން ސޮވިއެޓް ސިފައިންނާ ހަނގުރާމަކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރި މަސައްކަތްތަކުގައި ޕާކިސްތާނު ބައިވެރިވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އަލްގާއިދާ ވެސް އުފަންވީ މިހަރަކާތުގެ ތެރެއިންނެވެ. ދީނީ މި ހަރުކަށި ފަރާތްތަކަށް އަސްކަރީ ތަމްރީންތައް ފޯރުކޮށްދިނީ އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) އިންނެވެ. ފަންޑްކުރީ މައިގަނޑު ގޮތެއްގައި ސައޫދީ އަރަބިއާ އިންނެވެ. އެކަމަށް އެ ދެ ގައުމަށް އެއްބާރުލުންދީ ހަރުކަށި މީހުން ހަނގުރާމައިގެ މައިދާނަށް ނެރުނީ ޕާކިސްތާނުގެ އޭރުގެ ރައީސް ޖެނެރަލް މުހައްމަދު ޒިޔާއުލްހައްގުގެ ސަރުކާރުންނެވެ.

ޕާކިސްތާނުގެ ދިފާއީ ވަޒީރު މިކަމަށް އިޝާރާތް ކުރެއްވި ނަމަވެސް އެމެރިކާއާއި ސައޫދީގެ ނަން އޭނާ ވިދާޅެއް ނުވެއެވެ. އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރެއްކަމަށްވާ ހިލަރީ ކްލިންޓަން 2017ވަނަ އަހަރު ވަނީ އެމެރިކާ ހަނގުރާމަ ކުރާ އަލްގައިދާގެ ޓެރަރިސްޓުންނަކީ އެމެރިކާ އަމިއްލައަށް އުފެއްދި ބައެއްކަށް ފާޅުގައި ވިދާޅުވެ ކޭންޕޭން އެއްވުމެއްގައި ވާހަކަ ދައްކަަވާފައެވެ.

comment ކޮމެންޓް