ފައިސާ ދައްކަން އަންގާ، އުމަރުގެ ކެމްޕޭން ބެނާތައް ނަގައިފި

އުމަރު ނަސީރު -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕޭން ޓީމުގެ ފަރާތުން ހުޅުމާލޭގައި ދަމާފައިހުރި ކެމްޕޭން ބެނާތައް ނަގައި، އެކަން ކުރެވޭނީ ފައިސާ ދައްކައިގެން ކަމަށް އަންގައިފިއެވެ.

އެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ، ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ އެއްވެސް އެންގުމަކައިނުލާ އެ ބެނާތައް ނެގުމަށް ފަހު، ހުޅުމާލޭ ކެމްޕޭން ބެނާ ހަރުކުރާނަމަ، ކޮންމެ ފޮތިގަނޑަކަށް ދުވާލަކު 10 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިފަދަ އުސޫލުތަކުގެ ސަބަބުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ލިބިދީފައިވާ ހަމަހަމަކޮށް ކެމްޕޭން ކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށެވެ. އަދި، މިއީ އެހެން ކެންޑިޑޭޓުން އުމަރު ނަސީރު ދެކެ ބިރު ގަންނާތީ ރާވައިގެން ކުރާ ކަންކަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

"ހުއްދައަށް އެދުނީމާ ބުނީ ހުއްދަ ދެވޭނީ ޖަހާ ކޮންމެ ބެނާއަކަށް ދިހަ ރުފިޔާގެ ރޭޓުންނޭ. ކޮންމެ 24 ގަޑިއިރަކަށް. އަދި ހަމައެއާއެކީގައި ޖެހޭނީ ވެސް ތިން ފޫޓު 15 އިންޗީގެ ބެނާއެކޭ." މާޒް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކުން ވެސް ހުޅުމާލޭގައި ބޮޑެތި ކެމްޕޭން ބެނާތައް ދަމާފައިހުންނަ ކަމަށާއި އެކަން ކުރުމުގެ ހަމަހަމަ ފުރުސަތެއް އުމަރަށް ވެސް އޮންނަން ވާނެ ކަމަށެވެ. އަދި، ދަމާފައިހުރި ބެނާތައް ނަގާފައި، އެ އެއްޗެހި އަނބުރާ ރައްދުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަރުކާރަކަށް ވެސް ސިޓީ ކައުންސިލަކަށް ވެސް އަޅުގަނޑުމެންގެ މުދަލަކަށް އަރައެއް ނުގަނެވޭނެ. އެ އެއްޗެހި ނެގިކަމުގައިވީ ނަމަވެސް އަޅުގަނޑުމެންނަށް އަނބުރާ ދޭން ޖެހޭނެ." އޭނާ ވިދާޅުވިއެވެ.

އުމަރު ނަސީރުގެ ކެމްޕޭން ހަރަކާތްތައް ބާއްވަން ބިން ދިނުމުގައި ވެސް ތަފާތު ކުރުން ގެންގުޅޭ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. މިގޮތުން، ސިޔާސީ ޕާޓީތަކަށް ޖަލްސާ ބާއްވަން ދޭ ބިންތައް އުމަރުގެ ސިޔާސީ ހަރަކާތްތައް ހިންގަން ނުދޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މާޒް ސަލީމް ވިދާޅުވީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތެއް ނުލިބޭ މައްސަލަ މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅުއްވާނެ ކަމަށާއި އެ ފުރުސަތު ހޯދަން ކެމްޕޭން ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ. އެހެންވެ، މި ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި މިނިވަންކަމާއެކު ކެމްޕޭން ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެޗްޑީސީން ވަނީ އެކަން ދޮގުކޮށްފައެވެ. އެކުންފުނިން ބުނީ ހުޅުމާލޭގައި ހުރިހާ ފަރާތްތަކުން ވެސް ބެނާތައް ހަރުކޮށްފައިވަނީ އެ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި، އެއީ ހަމައެކަނި ސިޔާސީ ކެމްޕޭން ބެނާތަކަށް އޮންނަ އުސޫލެއް ނޫން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި އެހެން ކެންޑިޑޭޓުން ވެސް ބެނާތަކާއި ޕޯސްޓަރުތައް ޖަހާފައިވަނީ އެކުންފުނިން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެކުންފުނީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު ވިދާޅުވިއެވެ.

އުމަރު ނަސީރުގެ ކެމްޕޭން ބެނާތައް ހަރުކޮށްފައިވަނީ އެޗްޑީސީން ހުއްދަ ނަގައިގެން ނޫން ކަމަށާއި އެކަން ކޮށްފައިވަނީ ހަމައެކަނި ސިޓީ ކައުންސިލްގެ ހުއްދައާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. ހުޅުމާލޭގައި އެފަދަ ކަންކަން ކުރާނަމަ ހުއްދަ ނަގަން ޖެހެނީ އެޗްޑީސީންނެވެ.

comment ކޮމެންޓް