ޑިންގީއަކުން ޖެހި ފަތުރުވެރިއަކު މަރުވި މައްސަލައިގައި އެކަކު ބަންދަށް

ކ.ތުލުސްދޫ

މިދިޔަ އާދިއްތަ ދުވަހު ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި މަރުވި މައްސަލައިގައި ޑިންގީ ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ގޭ ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ.

ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއް ޖެހި އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު 11:10ހާއިރެވެ.

ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި މަރުވެފައިވަނީ ޕޮލެންޑަށް ނިސްބަތްވާ 52 އަހަރުގެ ފިރިހެނެކެވެ.

އެކަމާ ގުޅިގެން ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ މީގެކުރިން "ސަން"އަށް ވިދާޅުވީ އެ ރަށުގެ އިރު އިތުރުގައި އޮންނަ ކަނޑުއޮޅިއަށް ވަރަށް ގިނަ ފަތުރުވެރިން ސްނޯކްލިންއަށް ގޮސް އުޅޭ ކަމަށެވެ. އަދި އެ ސަރަހައްދުން އަބަދުވެސް ލޯންޗު ފަދަ އެއްޗެއްހި ދުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފަތުރުވެރިޔާ މޫދުން ނެގިއިރުވެސް އޭނާގެ އެއް އަތް ނެތެވެ. އަދި ބަނޑުގެ އެކި ހިސާބުތަކަށް ގިނަ ޒަޚަމްތަކެއް ލިބިފައިވާއިރު ގޮހޮރުގެ ވެސް އެއްބައި ނެތްކަމަށް އެ ރަށުން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް