ހެދުމުގެ މިންނަގަމުން އުރަމަތީގައި ހިފިކަމަށް ބުނެ އުފުލި ދައުވާ ސާބިތެއް ނުވި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެދުމުގެ ފަތިޖަހަން ހަށިގަނޑުން މިންނަގަމުން ގޮސް ކުއްޖެއްގެ އުރަމަތީގައި ހިފިކަމަށް ތުހުމަތުކޮށް ބިދޭސީއެއްގެ މައްޗަށް އުފުލި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހާދިސާ ހިނގީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:30 ހާއިރުއެވެ.

ކުއްޖާ ދިރިއުޅޭ ގެއަށް ބަންގަލަދޭޝްގެ އެ ފިރިހެން މިހާ ގެންދިޔައީ އެ ކުއްޖާގެ ހެދުމެއްގައި ފަތިޖަހަން ކަމަށް ދައުވާގައި ވަނީ ބުނެފައެވެ. ފަތިޖެހުމަށް ކުއްޖާގެ ހަށިގަނޑުން މިންނަަގަން ޖެހޭކަމަށް ބުނެ ކުއްޖާގެ ގައިން މިންނަގަމުން ގޮސް އުރަމަތީގައި ހިފި ކަމަށް ދައުވާގައިވެއެވެ.

އެ ދައުވާއަށް ބިދޭސީ މީހާ ވަނީ އިންކާރު ކޮށްފައެވެ.

އެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ބިދޭސީ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކިޤަރީނާ ލިބިފައިނުވާތީ ކަމަށެވެ.

ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ޝަރީޢަތް ނިމުނު ގޮތުގެ ކްރިމިނަލް ކޯޓުން އާންމު ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް