ޔޯގާ ދުވަސް ފާހަގަކުރި ވަގުތު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ދިރާސާ ކުރުމަށް ޝަރީއަތުން މަސް ދުވަހުގެ ފުރުސަތެއް ދީފިއެވެ.
އެ މައްސަލަގެ އެންމެ ފުރަތަމަ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމަށް އެ ދެ ޝެއިހުން ވެސް ވަޑައިގަތީ ވަކީލަކާ ނުލައެވެ. އަދި އަޑުއެހުން ފެށުމުން ދެ ޝެއިހުން ވެސް ވިދާޅުވީ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ. ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެ ދެ ޝެއިހުން ވެސް އެދިވަޑައިގަތެވެ.
މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އެ ދުވަހުގެ އަޑުއެހުން ނިންމާލާފައި ވަނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
އޭގެ ތިން މަހެއްހާ ދުވަސް ފަހުން މިއަދު ބޭއްވި އަޑުއެހުމަށް ދެ ޝެއިހުން ވެސް ވަޑައިގަންނަވާފައިވަނީ ވަކީލެއްގެ ހާޒިރުގައެވެ.
ދެ ޝެއިހުންގެ ވަކީލު އަލީ ސައީދު ވަނީ ދައުވާއާ ގުޅިގެން ގިނަ ލިޔެކިޔުންތަކެއް ހުރިކަން ފާހަގަކޮށް އެ މައްސަލަ ދިރާސާކޮށް ޖަވާބުދާރީވުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް އެދިވަޑައިގަންނަވާފައެވެ.
އެހެންވެ، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ މައްސަލަ ދިރާސާ ކުރުމަށް އެކަށިގެންވާ ވަގުތެއް ދިނުމަށް ފަހުގައި ކަމަށެވެ.
"މައްސަލަ ދިރާސާކުރުމަށް ޝަރީއަތުން އެކަށީގެންވާ ވަގުތު އެރުވުމަށްފަހުގައި ދެން އޮންނަ އަޑުއެހުމެއް ބާއްވާނީ," ގާޒީ ފާއިޒް ވިދާޅުވިއެވެ.
އެ އަޑުއެހުން ބާއްވާނީ މާޗު މަސް ތެރޭގައިކަން ފާހަގަކޮށް ޝަރީއަތުން ވިދާޅުވީ އެ އަޑުއެހުމަށް ވަޑައިގަންނަވާއިރު ދައުވާއަށް ޖަވާބުދާރީވެ ދިފާއީ ހެކި ހުރެއްޖެ ނަމަ ހެކި ހާމަކުރުމަށް ތައްޔާރުވެގެން ހާޒިރުވުމަށެވެ.
ގަލޮޅު ދަނޑުގައި އެ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި ދެ ޝެއިހުން ހިމެނޭހެން ޖުމުލަ 18 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ބޮޑެތި ދައުވާތަކެއް ކޮށްފައެވެ.