ދެ ފެކްޝަނާއެކު ކުރިއަށް ދާނެ ގޮތެއް ފައްޔާޒް ހޯދައިދެއްވަން ޖެހޭ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދުމަކީ އެއް ފެކްޝަނެއްގެ ބަޔަކު ޕާޓީ ދޫކޮށް ދާން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ދެ ފެކްޝަނާއެކު ކުރިއަށް ދެވޭނެ ގޮތެއް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހޯއްދަވަން ޖެހޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. މިކަމުގެ ވާދަވެރިކަން ނިމިދޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ސާފުކޮށް ފެނުނެވެ.

ޕާޓީގެ 61 އިންސައްތަ މެމްބަރުންގެ އަޣްލަބިއްޔަތާއެކު ރައީސް ޞާލިޙް އެޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމާއެކު ރައީސް ނަޝީދު ވަނީ ޕާޓިގެ ތެރޭގައި ޚާއްސަ ގޮތްޕެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން "ފިކުރެއްގެ ދިރުން" ނަމުގައި 50،000 މެމްބަރުން ހަމަކޮށް ޚާއްސަ ގޮތްޕެއް ހަދަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ދިވެހި ޗެނަލް"އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، ޕާޓީ މިހާރު އޮތް ހާލަތު ގަބޫލުކުރަން ޖެހޭ ކަމަށާއި، ޕާޓީ އިތުރަށް ބައިބައިވެދިޔަ ނުދިނުމަށް ޓަކައި ދެ ފެކްޝަނާ އެކު ކުރިއަށް ދެވޭނެ ގޮތެއް ޕާޓީގެ ޗެއާޕާސަން ހޯއްދަވަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީ ތެރޭގައި ފިކުރެއްގެ ދިރުން ގޮފި ހިންގޭނެ. އެއީ ބޭނުންތެރި ކަމެއް. އެގޮފީގެ އަސާސީ މަސައްކަތަކަށް ވާން ޖެހޭނީ އެމްޑީޕީގެ ފިކުރަށް، އެމްޑީޕީގެ އުސޫލަށް، އެމްޑީޕީގެ ފަލްސަފާއަށް، އެމްޑީޕީގެ އަސާސްތަކަށް މި ޕާޓީ އަނބުރާ ރުޖޫއަ ކުރުން. ހަމަ ގާއިމުވެސް އެމްޑީޕީ ތެރޭ ދެ ފެކްޝަން އެބަ އޮތް. އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީގެ ޗެއާޕާސަން އަކީ ކުޅަދާނަ މީހެއް. އޭނައަށް އެނގެން ޖެހޭނެ ދެ ފެކްޝަން ގެންގުޅެން. އެނގޭނެވެސްމެ. ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ބައްދަލުވުމެއްގައި ރައީސް ސޯލިޙާއި ނަޝީދު --- ފޮޓޯ/ ރައީސް އޮފީސް

މީގެއިތުރުން، މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް އެމްޑީޕީން އަބަދުވެސް ކުރާނެ ކަމަށާއި، އެމްޑީޕީގެ ޗެއާޕާސަން އަކަށް އަބަދުވެސް އިންނަވާނީ އެކަންކަން ރަނގަޅަށް އެނގިލައްވާނެ ބޭފުޅެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ނިމިދިޔަ ޕްރައިމަރީ އިން އަސާސީ ދެ މައްސަލައެއް ފާހަގަކުރައްވާފައެވެ. އެގޮތުން، ވޯޓު ލާފައިވަނީ ވަކި ބައެއް ހިމެނޭހެން "އުފަން ކޮށްފައި" އޮތް ލިސްޓަކަށް ކަމަށާއި، ޕްރައިމަރީގެ ކުރިން 39،000 އެއްހާ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކުރުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ. އަދި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވުރެ އިތުރަށް ބައެއް ވޯޓު ފޮށިތަކުގައި ވޯޓު ލާފައިވާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ދަފްތަރުން 39،000 މެންބަރުން އުނިކުރިކަމަށް ނަޝީދު ކުރައްވާ ތުހުމަތުތައް ޕާޓީން ވަނީ ދޮގުކޮށްފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމަލު ކުރާނެ ގޮތަކާމެދު ހުރިހާ ސިޔާސީ ލީޑަރުންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށާއި، އޮމާން ކަމާއެކު ވެރިކަން ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ތާރީޚުގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފައިވަނީ ރައީސް ނަޝީދަށެވެ. ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން 2018 ވަނަ އަހަރު ވާދަނުކުރެވި، އެމްޑީޕީގެ ކޮންގްރެސްއިން ވަނީ ޓިކެޓު ރައީސް ޞާލިޙްއަށް ދިނުމަށް ނިންމާފައެވެ.

ޕްރައިމަރީއަށް ފަހު ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވިސްނުމަކީ ޕާޓީއާއެކު ކުރިއަށް ވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުން ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙްއާއެކު މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

comment ކޮމެންޓް