ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތައް ބަލައި، ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހުން ސިއްރު އަޑުއެހުންތަކެއް ބާއްވަން ނިންމާ ތާރީޚުތައް އިއުލާންކޮށްފިއެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އެ އޮފީހުން އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދާ އަޑުއެހުންތަކުގެ ތެރެއިން، މިހާރު ޖަލުތަކުގައި ތިބި ގައިދީންގެ ބަޔާންތައް ނެގުމަށް މި މަހުގެ 26 އިން އަންނަ މަހުގެ ނިޔަލަށް ސިއްރު އަޑުއެހުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، މިކަމާ ގުޅޭ އިތުރު އަޑުއެހުންތަކެއް މާލޭ ސިޓީގައި ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު އެ އަޑުއެހުންތައް ބާއްވާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ސިއްރުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތަކުގައި ބަޔާންދިނުމަށް މާފުށީ ޖަލުން ނަން ނޯޓު ކުރި މީހުންގެ ތެރެއިން ޝޯޓްލިސްޓްކޮށްފައިވާ މީހުންނާ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ އޮފީހުގެ ޓީމެއް ޖަލަށް ޒިޔާރަތްކޮށް ވަނީ ބައްދަލުކޮށްފައެވެ.
އެ އޮފީހުން ބުނީ މި ބައްދަލުވުންތައް ބާއްވާފައިވަނީ އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދާ އަޑުއެހުންތަކާ ގުޅޭގޮތުން ބަންދުގައި ތިބި މީހުންނަށް މައުލޫމާތު ދިނުމާއި، އެމީހުންގެ ހާލަތު ދެނެގަނެ އެ އަޑުއެހުންތަކުގައި ބަޔާން ދިނުމަށް އިއުތިރާޒެއް ނެތްކަމުގެ އިޤުރާރާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ.
އޭގެ އިތުރުން އިޤުރާރުގައި ސޮއި ކުރުމާއި އަޑުއެހުންތަކުގައި ބަޔާންދޭ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ވެސް އެފަދަ މީހުންނަށް ކިޔައިދީފައިވާ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ.