ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހަށް، ޕޮލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، އެޑަމް ބްރަކޮވްސްކީ، ވަދާޢީ ޒިޔާރަތްކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޕޮލެންޑުގެ ސަފީރަށް މަރުހަބާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ޕޮލެންޑުގެ ގުޅުން ބަދަހި ކުރެއްވުމަށް ޕޮލެންޑުގެ ސަފީރު ކުރެއްވި އިޚުލާސްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި ސަފީރަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސްގެ އަރިހަށް ޕޮލެންޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަދާއީ ޒިޔާރަތް ކުރެއްވުން --
މި ބައްދަލުކުރެއްވުމުގައި ރައީސާއި ޕޮލެންޑުގެ ސަފީރު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ޚާއްސަކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއާއި ޕޮލެންޑުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި، ސިވިލް އޭވިއޭޝަން އަދި، މީހުން ބިނާކުރުމާއި، މޫސުމީ ބަދަލުކަތަކާއި ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

ރައީސްގެ އަރިހަށް ޕޮލެންޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަދާއީ ޒިޔާރަތް ކުރެއްވުން --
ޕޮލެންޑުގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި، ރައީސް ވަނީ ދެ ޤައުމުގެ ގުޅުން ކުރިއެރުވުމަށް ޕޮލެންޑުގެ ސަފީރު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ ކުރިޔަށްއޮތް ތަނުގައި ޕޮލެންޑުގެ ސަފީރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
ރާއްޖެއާއި ޕޮލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1984 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.