50،000 އަހަރުން އެއް ފަހަރު ފެންނަ ކޮމެޓު މިރޭ މާލޭގައި ބަލައިލުމުގެ ފުރުސަތު!

ހަމަ ލޮލަށް ގްރީން ކޮމެޓު ފެންނާނެ ގޮތް --

ފަންސާސް ހާސް އަހަރުން އެއްފަހަރު ދުނިޔެ ކައިރިން ދަތުރުކުރާ ގްރީން ކޮމެޓު މާލެއާއި ހުޅުމާލޭގައި އުޅޭ މީހުންނަށް ބަލައިލުމުގެ ފުރުސަތު ސްޕޭސް ކެޓުން އިންތިޒާމުކޮށްފިއެވެ.

ސްޕޭސް ކެޓުގެ ފަރާތުން ވާހަކަދައްކަމުން އެ ތަނުގެ އޮފިޝަލަކު ބުނީ، މިއީ ޖައްވީ ކަންކަމަށް ޝައުގުވެރިވާ މީހުންނަށް ލިބޭ ވަރަށް ޚާއްސަ ފުރުސަތެއް ކަމަށެވެ. އަދި ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކަށް މި ފުރުސަތު ފަހިކޮށްދިނުންކަމަށް ވެސް އޭނާ ބުންޏެވެ.

ގްރީން ކޮމެޓަކީ ޒްވިކީ ޓްރާންސިއަންޓް ފެސިލިޓީން މިދިޔަ އަހަރުގެ މާޗު ދެވަނަ ދުވަހު ދެނެގަތް ކޮމެޓެކެވެ. މި ކޮމެޓުގެ ނިއުކްލިއަސް ވަށައި ފެހިކުލަ ދިއްލެނީ އިރުގެ އަލީގެ ސަބަބުންނާއި ޑައިއެޓޮމިކް ކާބަންއާއި ސައިނޮޖެންގެ ސަބަބުންނެވެ.

މި ކޮމެޓުބަ ދަތުރުކުރާ ތަން ބަލަން ބޭނުންވާ މީހުންނަށް މާލެއާއި ހުޅުމާލޭގައި ދެ ސެޓަޕެއް ސްޕޭސް ކެޓުން ބަހައްޓާނެއެވެ.

މާލޭގައި މި ކޮމެޓު ބަލައިލަން ބޭނުންވާ މީހުންނަށް ޓެލެސްކޯޕެއް ބަހައްޓައިފައި ހުންނާނީ މަސްވެރިންގެ ޕާކުގައި މިރޭ 20:00 އިން ފެށިގެންނެވެ.

ހުޅުމާލޭގައި ޓެލެސްކޯޕު ބަހައްޓައިފައި ހުންނާނީ ދެވަނަ ފޭސްގައި ވޯލްޑް ކަޕްގެ މެޗުތައް އެޅުވި ހުސްބިން ސަރަހައްދުގައި މާދަން ރޭ 20:00 އިން ފެށިގެންނެވެ.

ޓެލެސްކޯޕުން ކޮމެޓު ބަލައިލުމަށް އެއްވެސް އަގެއް ނުނަގާނެއެވެ.

ކޮމެޓު ބެލުމުގެ ކަންކަން ކުރިއަށްދާ ވަގުތު އެ ކަމާ ގުޅުންހުރި މައުލޫމާތު ކިޔައިދިނުމާއި ސުވާލުކުރުމުގެ ފުރުސަތު ވެސް ހަމަޖެހިފައިވާނެކަމަށް ވެސް ސްޕޭސް ކެޓުން ބުންޏެވެ.

ސްޕޭސް ކެޓުން ބުނީ، ފެބްރުއަރީ އަށް ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މި ކޮމެޓް ފެންނާނެ ކަމަށެވެ. އަދި އުޑުމަތި އަނދިރިކޮށް އޮންނަ ސަރަހައްދުތަކުން ހަމަ ލޮލަށް ވެސް މި ކޮމެޓް ފެންނާނެކަމަށް ސްޕޭސް ކެޓުން ބުންޏެވެ.

މީގެ ކުރިން ވެސް މާލޭގައި ވަނީ މިފަދަ ޚާއްސަ ކަންކަމާ ގުޅިގެން ޓެލެސްކޯޕް ބަހައްޓައި ބަލައިލުމުގެ ފުރުސަތު އާންމުނަށް ދީފައެވެ.

comment ކޮމެންޓް