އިޒްރޭލުގައި އާންމުންނަށް ފަސޭހައިން ބަޑި ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރަނީ

އިޒްރޭލުގެ އާންމު ރައްޔިތުން ބަޑި ހިފައިގެން އުޅޭނެ ފަސޭހަ ގޮތްތަކެއް ފާސްކޮށްފި -- ފޮޓޯ/ ރޮއިޓާސް

އިޒްރޭލުގެ އާންމު ރައްޔިތުންނަށް ބަޑި ގެންގުޅުމުގެ ހުއްދަ ފަސޭހައިން ލިބޭނެ ގޮތަށް އެގައުމުގެ ގާނޫނު އިސްލާހު ކުރުމަށް އެގައުމުގެ ސަލާމަތީ ކެބިނެޓުން ފާސްކޮށްފިއެވެ.

އިޒްރޭލޫގެ ގާނޫނަށް އެ ބަދަލު ގެންނާނެކަން އިއުލާން ކުރެއްވީ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. އޭނާ ވިދާޅުވީ ބަޑި ގެންގުޅުމުގެ ހުއްދައަށް އެދުމަށް ފަހު، އެ ހުއްދަ ލިބެންދެން މަޑު ކުރަން ޖެހޭ މުއްދަތު ކުރު ކުރަން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އިޒްރޭލުގެ ސަލާމަތީ ކެބިނެޓުގެ ނިންމުމާ ބެހޭ ގޮތުން ދެން މަޝްވަރާ ކުރާނީ އެގައުމުގެ މައި ކެބިނެޓުންނެވެ.

ނަތަންޔާހޫ އެ އިސްލާހު އިއުލާންކުރެއްވީ، އިޒްރޭލުން ވެރިވެގަނެފައިވާ ގުދުސްގެ ސަރަހައްދުތަކުގައި ފާއިތުވި ދުވަސްތަކުގައި ފަލަސްތީނުގެ ރައްޔިތުންތަކެއް އިޒްރޭލުގެ މީހުންނަށް ހަމަލާ ދިން ފަހުންނެވެ. އޭގެ ތެރެއިން އެއް ހަމަލާއެއްގައި ހަތް މީހަކު މަރުވެފައިވާ އިރު އަނެއް ހަމަލާގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ.

އެ ހަމަލާތައް ދިނީ، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އެގައުމުގެ ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ނުވަ މީހަކު މަރާލި ފަހުންނެވެ.

އިޒްރޭލުން އަލަށް އަޅާ އިތުރު ފިޔަވަޅަކީ، ހަމަލާދޭ މީހެއްގެ އާއިލާގެ މެމްބަރުންގެ ރަށްވެހިކަމާއި ދައުލަތުން ދޭ އެހީތައް ހޯދުމުގެ ހައްގުން މަހުރޫމް ކުރުމެވެ.

އެ ފިޔަވަޅުތަކަށް ތާއިދުކޮށް، އިޒްރޭލުގެ ކަނާތުފިޔައިގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރް ވިދާޅުވީ އެ ގައުމުގެ އާންމުން ބަޑި ގެންގުޅޭ ނަމަ އެމީހުންނަށް އެމީހުންގެ އަމިއްލަ ނަފްސު ދިފާއު ކުރެވޭނެ ކަމަށެވެ.

ހުކުރު ދުވަހު ހިނގި ބަޑިޖެހުމުގެ ހާދިސާއަށް ބޮޑުވަޒީރު ނަތަންޔާހޫ ވަޑައިގަތުން -- ފޮޓޯ/ ރޮއިޓާސް

މީގެ އިތުރުން އިޒްރޭލު ސިފައިން ވަނީ ހުޅަނގު އައްސޭރީގައި އެގައުމުގެ ސިފައިން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރާނެ ކަމަށް ބުނެފައެވެ.

އިޒްރޭލް އަސްކަރިއްޔާއިން ވަނީ އެގައުމުގައި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އޮޕަރޭޝަންތައް އިތުރުކޮށް، ހަރުކަށިކޮށްފައެވެ. އޭގެ ތެރެއިން، މި މަހު އެކަނިވެސް އިޒްރޭލް ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 32 މީހަކު މަރާފައިވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން، މިދިޔަ އަހަރު އިޒްރޭލުން ފަލަސްތީނުގެ 200އަށް ވުރެ ގިނަ މީހުން މަރާފައިވެއެވެ. އެއީ ފާއިތުވި 16 އަހަރު ތެރޭގައި އެފަދަ ހަމަލާތަކުގައި ފަލަސްތީނުގެ އެންމެ ގިނަ ބަޔަކު މެރި އަހަރު ކަމަށް އދ.އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް