އައްޑޫއިން ރައީސަށް ދިނީ ބޮޑު މޮޅެއްގެ ޔަގީންކަން

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ މި ފަހުގެ ތާރީޚުގައި ވެސް ރާއްޖޭގައި ވެރިކަމުގައި އޮތް ޕާޓީއެއްގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ޓިކެޓު ހޯދާނެ ބޭފުޅަކު ކަށަވަރުކުރަން ބާއްވާނެ އެންމެ ވާދަވެރި އިންތިޚާބެވެ.

މިއީ ވެރިކަމުގައި ހުންނެވި ރައީސަކަށް ވެސް ދެވަނަ ދައުރަކާ ހަމައަށް ދާން ފުރުސަތު ދޭނީތޯ ނުވަތަ ނުދޭނީތޯ ނިންމަން ބާއްވާނެ ވާދަވެރި އިންތިޚާބެކެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، މި އިންތިޚާބުގައި އެންމެ ޚާއްސަ އިސްކަމެއް ދެއްވީ ރާއްޖޭގައި ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީއަށެވެ.

މުޅި ކެމްޕޭންގައި ވެސް އައްޑޫ ވީ އެ މަނިކުފާނު މުހިންމު ވައުދުތަކެއް ވެލެއްވި ސިޓީއަކަށެވެ. އަދި އެންމެ ގިނަ ދުވަސް އެ ސިޓީއެއްގައި ކެމްޕޭނަށް އުޅުއްވި ތަނަށެވެ.

26 ޖެނުއަރީ 2022: އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމާލުމަށް އައްޑޫގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޞާލިހު ވާހަކަފުޅުދައްކަވަނީ --

އައްޑޫ ސިޓީގައި ރޭ ބޭއްވި ބޮޑު ޖަލްސާއަކީ އެ މަނިކުފާނު މި ޕްރައިމަރީއަށް ކުރެއްވި ކެމްޕޭން ނިންމަވައިލެއްވުމުގެ ގޮތުން ބޭއްވި ޖަލްސާއެވެ.

އައްޑޫގައި އެ ޖަލްސާ އޮތީ ސަބަބެއް ނެތިއެއް ނޫނެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ވެސް ރައީސް ވަޑައިގަތީ އައްޑޫއަށެވެ. މި ފަހަރު އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބޭއްވި ބޮޑު ޖަލްސާއަށް ވެސް ރޭ އެ މަނިކުފާނު ވަޑައިގަތީ ހަމަ އެ ސިޓީއަށެވެ. ރައީސްގެ ވާހަކަފުޅުން އެނގޭ ގޮތުގައި އެ މަނިކުފާނު ހުންނެވީ އައްޑޫ ރައްޔިތުންގެ ތާއީދު ޔަގީންކުރައްވައިގެންނެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އައްޑޫ ސިޓީ ވެސް މިއަދު މި އޮތީ މި ގޮތަށް. އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީގެ ވެސް ބޮޑު ތާއީދާއެކު އިރާދަކުރެއްވިއްޔާ މި ޕްރައިމަރީ އަޅުގަނޑުމެން 28 ވަނަ ދުވަހު ކާމިޔާބުކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅާއެކު އައްޑޫގެ މޭޔަރު އަލީ ނިޒާރު ދެއްކެވި ވާހަކައިގައި ވެސް ވަނީ އެ ސިޓީން ރައީސަށް ބޮޑު އަޣުލަބިއްޔަތެއް ހޯދައިދޭނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ރައީސް ޞާލިޙަށް އެ ޕްރައިމަރީ ކާމިޔާބުކޮށްދިނުމަށް އެދިލައްވައިފައެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާއަށް އެ ސިޓީގެ ހުރިހާ ރަށަކުން ވެސް ރައީސަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމު މެމްބަރުންވަނީ ގޮސްފައެވެ. ޖަލްސާ އޮތް ސަރަހައްދު ފުރުނުއިރު އެ ތަނުގައި ގިނަ ބަޔަކު ކޮޅަށް ވެސް ތިއްބެވެ.

26 ޖެނުއަރީ 2022: އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމާލުމަށް އައްޑޫގައި ބޭއްވި ބޮޑު ޖަލްސާ --

އެ ތަނުގައި ތިބި އާންމުންގެ ޝުއޫރުތައް ހުރި ގޮތަށް ބަލާއިރު، ގިނަ ބަޔަކު ބުނަނީ ރައީސް ޞާލިޙު މި ޕްރައިމަރީގައި އިންތިޚާބުކުރަން ބޭނުންވަނީ މި ވެރިކަމުގައި އެ ސިޓީއަށް ލިބުނު ތަރައްގީ އެހެން ސަރުކާރެއްގައި ލިބިފައިނުވުމުން ކަމަށެވެ.

"އަޅުގަނޑުގެ އުމުރު އެކުގައި އައްޑޫގައި މި ދަނީ. ބައިވަރު ވެރިން ފެނިއްޖެ. އެމްޑީޕީ ވެރިކަމެއްގައި ކިރިޔާ ވެސް ކުލައެއް ޖެހުނީ އަންނި ރައީސް މުހައްމަދު ނަޝީދު އާއެކު. އެއީ އެކަމު ކުޑަ މިންވަރެއް. ދެން ވެރިކަން ގެއްލުނީ. އެކަމު މި ފަސް އަހަރު މަގުތައް ހެދުމުގެ މަސައްކަތް ފެށިއްޖެ. ޒުވާނުންނަށް ވަޒީފާ އެބަ ލިބޭ. އަނެއްކާ އަހަރުމެން އެދޭ ގޮތަށް އެބަ އައްޑޫ ތަރައްގީކުރަން މަސައްކަތް ވެސް ކުރޭ،" މި ނޫހާ ރޭ ވާހަކަދެއްކި އާންމު މީހަކު ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ބޮޑު ނިންމުން ނިންމާނީ މާދަމާއެވެ. މި ނިންމުމުގައި އައްޑޫ ސިޓީގެ ރައްޔިތުން މުހިންމު ދައުރެއް އަދާކުރާނެއެވެ.

comment ކޮމެންޓް