ރައީސް ނަޝީދަށް ސަލާމަތީ ނުރައްކަލެއް ކުރިމަތިވި ކަން އެނގިފައެއް ނުވޭ: ފުލުހުން

ރައީސް ނަޝީދު އެމަނިކުފާނުގެ ސެކިއުރިޓީ ޓީމް އާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ސަލާމަތީ ނުރައްކަލެއް ކުރިމަތިވި ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ނިންމާލުމުގެ ގޮތުން ރައީސް ނަޝީދު ރައްޔިތުންނާ މުޚާތަބުކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ވަނީ ވަރަށް އަވަހަށް ނިންމާލާފައެވެ.

ޖަލްސާ ކުރުކޮށްފައި ވަނީ ނުރައްކަލެއްގެ ސަބަބުން ކަން ރައީސް ނަޝީދުގެ އަރިސް ބޭފުޅަކު ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަ ނިންމަވާލެއްވީ ސެކިއުރިޓީގެ އިރުޝާދުގެ މަތިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަން ޖެހޭ ސަލާމަތީ ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށާއި، އެމްއެންޑީއެފަށް ވެސް އެފަދަ މައުލޫމާތެއް ލިބިފައި ނުވާކަމަށް ފުލުހުންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް، ސެކިއުރިޓީގެ އިރުޝާދުގެ މަތީން އެމަނިކުފާނު އެސަރަހައްދު ދޫކޮށް ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މީގެއިތުރުން، މިރޭގެ ޖަލްސާއަށް ފަހު ސަޕޯޓަރުންނާ އެކު ފޮޓޯ ނެންގެވުމަށް ހަމަޖެހިފައި ވީނަމަވެސް، އެމަނިކުފާނު ވަނީ ޖަލްސާއަށް ފަހު ވަގުތުން އެސަރަހައްދު ދޫކުރައްވާފައެވެ.

އެ ވަގުތު އެތާ ހުންނެވި އެމްޑީޕީގެ މަޖިލިސް މެމްބަރަކާ ހަވާލާ ދެއްވައި "ސަން"އަށް މީހަކު ބުނީ އެއީ އަސްލު ޖަލްސާ ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތް ނޫން ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓުގެ ލަފާގެ މަތީން އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް