ރައީސް ނަޝީދުގެ ޖަލްސާ ކެންސަލް ކަމަށްބުނެ އީވާގެ ނަމްބަރުން ފޭކު މެސެޖުތަކެއް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭއްވި ކެމްޕޭން ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ނިންމާލުމުގެ ގޮތުން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ބާއްވާ ޖަލްސާ ކެންސަލް ވެއްޖެ ކަމަށް ބުނެ އެކި މީސްމީހުންގެ ނަމުގައި ފޭކް މެސެޖުތަކެއް ދައުރުވާން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައީސް ނަޝީދުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އީވާ އަބްދުﷲގެ ނަމްބަރުން އެކި ފަރާތްތަކަށް މި މެސެޖު ފޮނުވަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ މެސެޖުގައި ބުނެފައިވަނީ ރައީސް ނަޝީދު އާލާސްކަންފުޅާ އުޅުއްވާތީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކެންސަލް ވެފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަށް އެ މެސެޖު ޕާސްކޮށްދިނުމަށް އެދިފައިވެއެވެ.

މި މެސެޖުތައް ޓްވިޓާގައި ހިއްސާކުރައްވާ އީވާ ވިދާޅުވީ، ޖަލްސާ ކެންސަލްވެއްޖެ ކަމަށް ބުނެ ފޭކް މެސެޖުތަކެއް ދައުރުވަމުންދާކަމަށާއި، އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި އެޓްވީޓުގައި ރައީސް ނަޝީދުގެ ވާދަވެރި ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ޓެގުކުރައްވައި، އީވާ ވަނީ ރައީސް ކެމްޕޭން ޒާތީ ކުރައްވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އަދި ފުލުހުންނާއި އުރީދޫ މޯލްޑިވްސްގެ ކިބައިން އެ މައްސަލަ ބަލައިދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.

މި މެސެޖުތައް ހިއްސާކުރައްވައި ރައީސް ނަޝިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފެނިގެންމިދަނީ ވާދަވެރިން ބޮޑުތަނުން ބަލިވާ މަންޒަރު ކަމަށާއި، މާތް ﷲ ގެ އިރާދަފުޅާއެކު ގަދަވެ ހެޔޮ ހާލުގައި މިރެއަށް ތައްޔާރު ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވެފައިވާއިރު، ދެބޭފުޅުންވެސް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ވަރަށް ވާދަވެރިކަމާ އެކުއެވެ. އެގޮތުން ރައީސް ޞާލިޙްގެ ފަހު ޖަލްސާ މިރޭ ބާއްވަނީ އައްޑޫ ސިޓީގައެވެ.

comment ކޮމެންޓް